ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ފޭސް 1ގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ. މި މަޝްރޫޢު ފެށީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާ ގުޅިގެންނެވެ.
މި ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގެ އިރުމަތީ ފަރާތުން ޚާއްޞަ ބާވަތެއްގެ މުރަކަ ނަގައިގެން، ފޭސް 1ގެ ޗެނަލްގައި އިންދުމުގެ މަސައްކަތް އިއްޔެ ހަވީރު ކުރިއަށް ގެންދެވުނެވެ. މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލްގެ އިތުރުން އީޕީއޭ އާއި އެމްއެމްއާރްއައިގެ އިސްވެރިން ބައިވެރިވެ، އެ ސަރަހައްދަށް ޒިޔާރާތްކޮށް މުރަކަ އިންދުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ޗެނަލް ޕާކުގައި ކަނޑުއަޑީގެ ބަގީޗާއެއް ޤާއިމުކުރުމެވެ. "މިތަނުގައި މަސްތަކާއި ކަނޑުގެ ދިރުން އާލާކޮށް، ކަނޑުއަޑީގެ ބަގީޗާއެއް ހެދުން އަމާޒަކީ،" މައުރޫފް ވިދާޅުވިއެވެ.
މި މަޝްރޫޢަކީ އެކި މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ ދިގު މުއްދަތުގެ ޕްރޮގްރާމެކެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މިއީ އެ ސަރަހައްދުގައި އެކި ކަހަލަ މޫދުގެ ދިރުންތައް އާލާކޮށް، ތިމާވެށީގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މި ޕްރޮގްރާމަކީ ހުޅުމާލޭގެ ތިމާވެށި ރައްކާތެރިކޮށް، އެ ސަރަހައްދުގެ ކަނޑުގެ ދިރުންތަކަށް ރަނގަޅު މާހައުލެއް ޤާއިމުކުރުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ އިތުރު ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ