ގ. ގާނެޓް، ހަސަން ޔާމީން (30އ) ގެއްލިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާ އިރު، މިމަހުގެ 13 ވަނަ ދުވަހުގެ ފަތިހު 3:24 ގައި ސިނަމާލެ ބްރިޖުން މޫދަށް ފުންމާލި މަންޒަރު ސީސީޓީވީ ކެމެރާތަކުން ރެކޯޑްވެފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
މިމަހުގެ 11 ވަނަ ދުވަހުގެ ރޭ 9:25 ގައި މާލޭގައި ދިރިއުޅޭ ގެއިން ނިކުމެގެން ދިޔަ ޔާމީންގެ ހަބަރު ނުވެގެން އާއިލާއިން މިމަހުގެ 14 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. މި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ތަހުގީގު ޓީމުން ވަނީ ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖްތައް ބަލައި ދިރާސާކޮށްފައެވެ.
ސީސީޓީވީ ފުޓޭޖުން ލިބުނު މައުލޫމާތު އާއިލާއާ ހިއްސާކޮށް، އާއިލާގެ ފުރިހަމަ އެއްބާރުލުމާ އެކު ތަހުގީގު ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު، ޔާމީން ހޯދުމުގެ މަސައްކަތުގައި މެރިން ޕޮލިހާއި އެމްއެންޑީއެފް ކޯސްޓްގާޑުން ވެސް ފުލުހުންނާ ގުޅިގެން ހަރަކާތްތެރިވަމުންދެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށާއި، އާއިލާގެ އިހުސާސްތަކަށް އިހުތިރާމްކުރުމަށް ފުލުހުން އެދިފައިވެއެވެ. އަދި ތަހުގީގުގެ ނަޒާހާތްތެރިކަން ދެމެހެއްޓުމުގެ ގޮތުން ފުލުހުން ދޭ ރަސްމީ މައުލޫމާތަށް އެކަނި ބަރޯސާވުމަށް ވެސް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ