ރާއްޖޭގެ އެކި ރަށްރަށުގައި ހޭންޑްބޯލް ކޯޓުތައް ތަރައްގީކުރުމުގެ މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މި ވާހަކަފުޅު ރައީސް ދެއްކެވީ ނ. އަތޮޅު ލަންދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
ލަންދޫގެ ކުޅިވަރާއި ފިޓްނަސް ދާއިރާއަށް ބޭނުންވާ ތަރައްގީގެ މަސައްކަތްތައް ފެށިފައިވާ ނަމަވެސް، އިތުރަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް އަވަހަށް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. ހާއްސަކޮށް ހޭންޑްބޯލް ކޯޓު ތަރައްގީކުރުމަކީ ގިނަ ރަށްރަށުގެ ރައްޔިތުން އެދޭ ކަމެއްކަން ފާހަގަކުރައްވައި، ލަންދޫގައި ވެސް ހޭންޑްބޯލް ކޯޓެއް އަޅައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް ދެއްވި ވައުދުފުޅާ އެއްގޮތަށް ލަންދޫ ސިއްހީ މަރުކަޒުން 24 ގަޑިއިރު ހިދުމަތް ދޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. މިކަމަށް ބޭނުންވާ އިތުރު މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ލަންދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި، މޫދަށް އެރި އުޅުމަށް ހާއްސަ ސަރަހައްދެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގެ ފެނުގެ ނިޒާމުގެ މަޝްރޫއު ހިމެނޭގޮތަށް ލަންދޫ ރައްޔިތުން ބޭނުންވާ އެންމެހައި ކަންކަމަށް ސަމާލުކަން ދީގެން ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.
ކޮމެންޓު ފޮނުވާ