ވަރިވެފައިވާ އަންހެނަކު ފިރިމީހާގެ ގެއިން ނެރުމަށް ކުރި ދައުވާގެ ހުކުމް 5 އަހަރު ފަހުން

ވަރިވެފައިވާ އަންހެނަކު ފިރިމީހާގެ ގެއިން ނެރުމަށް ކުރި ދައުވާގެ ހުކުމް 5 އަހަރު ފަހުން

Author
ހުސައިން
21 ޖުލައި 2025 11:41
0

ވަރިކޮށް ތިންފަށް ވެފައިވާ އަންހެނަކު ފިރިމީހާގެ ގެއިން ނުނިކުމެގެން ހުށަހެޅި މައްސަލައެއް، ރަށު ކޯޓުން ނިންމިތާ ފަސް އަހަރު ފަހުން ހައިކޯޓުން ބާޠިލްކޮށްފިއެވެ.

އުމުރުން ދުވަސްވީ މި ދެމީހުންގެ ވަކިވުން ރަސްމީވީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް އަންހެންމީހާ ފިރިމީހާގެ ގެއިން ނުނިކުމެ، ގެއިން ނިކުމެދާނެކަމަށް ތަކުރާރުކޮށް ބުނުމުންވެސް އޭނާ ނުނިކުތުމުން، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ފިރިމީހާ މައްސަލަ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ.

އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު މެޖިސްޓްރޭޓް ކޯޓުން ނިންމީ، ފިރިމީހާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޭގައި އަންހެންމީހާ މަޑުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތުމުން، 48 ގަޑިއިރުގެ ތެރޭގައި ގެއިން ނިކުމެދިއުމަށެވެ.

މި ނިންމުމާ ހިތްހަމަނުޖެހިގެން އަންހެންމީހާ ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. ހައިކޯޓުގައި މައްސަލަ ބެލުމަށް ފަސް އަހަރެއްހާ ދުވަސް ހޭދަވުމަށްފަހު، މިމަހުގެ 11 ވަނަ ދުވަހު ވަނީ ހުކުމް އިއްވާފައެވެ.

އަންހެންމީހާ ހައިކޯޓުގައި ދައްކާފައިވާ ވާހަކައަކީ، ފިރިމީހާއާ ތިންވަނަ ފަހަރަށް ކައިވެނިކުރީ "މިގެއިން ނުނެރޭނެ" ކަމަށް އެއްބަސްވުމުންކަމަށެވެ. މީގެއިތުރުން، ގޯތި ލިބުނީ ކައިވެނިކޮށްގެން ތިބި މީހުންނަށް ޕޮއިންޓް ހަމަވެގެންކަމަށާއި، އެހެންކަމުން ގޯތީގައި އޭނާގެ މަސްލަހަތު އޮތްކަމަށް ބުންޏެވެ. އެހެންނަމަވެސް، ގޭގެ އިމާރާތްކުރުމަށާއި ހަރަދުތަކަށް އެއްވެސް އެއްޗެއް ހޭދަކޮށްފައި ނުވާކަމަށް އޭނާ އިޢުތިރާފުވިއެވެ.

ހައިކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ފާޠިމަތު ފަރުހީޒާ އަދި ފަނޑިޔާރު ހުޒައިފާ މުޙައްމަދު ނިންމެވީ، އަންހެންމީހާ ބުނާ ވާހަކަތައް ސާބިތުކުރުމަށް ކިތާބީ ނުވަތަ ޝަފަހީ ހެއްކެއް ހުށަހަޅާފައި ނުވާތީ، މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާޠިލުކުރާނެ ސަބަބެއް ނެތްކަމަށެވެ.

ހައިކޯޓުގެ މި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް 30 ދުވަހުގެ މުހްލަތު ލިބޭއިރު، މެޖިސްޓްރޭޓް ކޯޓުގެ އަސްލު ޙުކުމް އަދިވެސް އޮތީ ތަންފީޒުކުރެވޭ ހާލަތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.