ރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރު ފާހަގަކުރާ ދިސެމްބަރު 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ތައްޔާރުވާ ގޮތުން، އަންނަ ހޮނިހިރު ދުވަހުގެ ރޭ އެއާޕޯޓް ހިމެނޭ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމައިފި އެވެ. މި ގޮތުން ހޮނިހިރު ރޭ 8:30 އިން 10:00 އާ ދެމެދު ދޮޅުގަޑިއިރަށް ވައިގެ ސަރަހައްދު ބަންދުކުރެވޭނެ އެވެ.
އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ ގާބިލުކަން ލިބިފައިވާ މި އާ ޓާމިނަލަކީ 72،000 އަކަމީޓަރުގެ ބޮޑު އިމާރާތެކެވެ. މި ޓާމިނަލް ހުޅުވުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.
މި ބޮޑު މަޝްރޫއުގެ މަސައްކަތް އެންމެ ފުރަތަމަ ފެށުނީ 2016 ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ މި މަސައްކަތް ހަވާލުކުރިއިރު، އެ ކުންފުނިން މި މަސައްކަތް ކުރިއަށް ގެންދަނީ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ) މެދުވެރިކޮށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ޓާމިނަލްގެ ބާކީ ހުރި މަސައްކަތްތައް އަވަހަށް ނިންމުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށް ފާހަގަކުރެވެ އެވެ.
ކޮމެންޓު ފޮނުވާ