އެމްއޭސީއެލް މުވައްޒަފުންގެ ޑޮލަރު އިނާޔަތް އުވާލާ ވާހަކަ ދޮގު ކޮށްފި

އެމްއޭސީއެލް މުވައްޒަފުންގެ ޑޮލަރު އިނާޔަތް އުވާލާ ވާހަކަ ދޮގު ކޮށްފި

Author
ހުސައިން
20 ޖުލައި 2025 04:53
0

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ދެމުންދާ ޑޮލަރު އިނާޔަތްތައް އުވާލުމަށް އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދެކެވެމުންދާ މި ވާހަކަތަކާ ގުޅިގެން އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މުވައްޒަފުންގެ މުސާރައިގެ ބައެއް ޑޮލަރުން ދޭ އުސޫލަށް އެއްވެސް ބަދަލެއް ގެނައުމަށް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި މިފަދަ ވާހަކަތައް ފަތުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ މަސައްކަތަށް ހުރަސްއެޅުމަށާއި މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމުގެ ބޭނުމުގައި ކަމަށް އެ ކުންފުނިން ވަނީ ތުހުމަތުކޮށްފައެވެ.

އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި، ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދެމުންދަނީ ކުރިން އަމަލުކުރަމުން އައި އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް މި އުސޫލަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިއަށްދާނެ ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް މުސާރަ އާއި އިނާޔަތްތަކަށް މިފަދަ ބަދަލެއް ގެނައުމުގެ ވިސްނުމެއް ކުންފުނީގައި ނެތް ކަމަށް ވެސް އެ ކުންފުނިން ވަނީ ޔަގީންކަން ދީފައެވެ.

ރާއްޖޭގެ މައި އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ފާހަގަކުރި ގޮތުގައި، ކުންފުނީގެ އެންމެ މުހިންމު ރައުސުލްމާލަކީ މުވައްޒަފުން ކަމަށާއި، ކުންފުނިން ކޮންމެ ވަގުތެއްގައި ވެސް އިސްކަން ދެނީ މުވައްޒަފުންގެ ލާބަ އާއި މަންފާއަށް ކަމަށެވެ. މި ސަބަބަށްޓަކައި ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން ދުރުހެލިވުމަށް އެމްއޭސީއެލް އިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.