ނުރައްކާތެރި ގޮތަށް އިންޖީނުލީ އުޅަނދު ދުއްވައިގެން މީހުންގެ ފުރާނައަށް ގެއްލުން ކުރިމަތިވެދާނެ ފަދަ ޢަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި މި ބިލުގައި ހިމެނެނީ ގާނޫނުލްއުޤޫބާތުގެ 121 ވަނަ މާއްދާއަށް އިޞްލާޙެއް ގެނައުމެވެ. މި އިޞްލާޙުގެ ދަށުން "ބިރުވެރިކަން އުފެދޭ ފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމާ މެދު ފަރުވާލެއް ނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން" ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅިގެންދާނެއެވެ.
މެންބަރު މީކާއީލް ވިދާޅުވި ގޮތުގައި، މި ބިލު ހުށަހެޅުއްވީ ނުރައްކާތެރި ގޮތަށް އުޅަނދު ދުއްވައިގެން ހިނގާ އެކްސިޑެންޓުތަކުގައި ޝާމިލުވާ ފަރާތްތަކާ މެދު ޖިނާއީ އަދުލުގެ ނިޒާމުން އެކަށީގެންވާ ފިޔަވަޅު އެޅެން ނެތި ދިމާވާ ދަތިތައް ޙައްލުކުރުމަށެވެ. އަދި މަގުމަތީގެ ގަވާއިދުތަކާ ޚިލާފަށް ފަރުވާކުޑަ ގޮތެއްގައި އުޅަނދު ދުއްވުމުގެ ސަބަބުން އެކްސިޑެންޓުތަކުގައި ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް މަގުފަހިކުރުން ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.
މިހާރު ގާނޫނުލްއުޤޫބާތުގައި ފަރުވާކުޑަކޮށް ކުރާ އަމަލުތަކުން އަނިޔާ ލިބިދާނެ ބިރުދެއްކުމުގެ ކުށްތަކުގެ ގޮތުގައި ހިމެނެނީ ހަ ބާވަތެއްގެ އަމަލެވެ. އެއީ ގޮވާތަކެއްޗާއި ފަނާކުރަނިވި މާއްދާތަކާ ގުޅޭ އަމަލުތަކާއި، މެޝިނަރީއާއި އިންޖީނުތަކާ ގުޅޭ އަމަލުތަކާއި، އިމާރާތް ތެޅުމާއި ވެއްޓުމާ ގުޅޭ އަމަލުތަކާއި، ޖަނަވާރު ގެންގުޅުމާ ގުޅޭ އަމަލުތަކާއި، ގަސްގަހާގެހި ކެނޑުމާއި ވައްޓާލުމާ ގުޅޭ އަމަލުތަކާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެހެލުމާއި ބޭލުމާ ގުޅޭ އަމަލުތަކެވެ.
މި ބިލު ހުށަހެޅިފައިވަނީ އާދީއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި ބޮޑު އެކްސިޑެންޓެއްގައި 17 އަހަރުގެ ޒުވާނަކު މަރުވި ހާދިސާ ހިނގި ދުވަސްތަކެއް ފަހުންނެވެ. މި ހާދިސާއާ ގުޅިގެން މަގުމަތީގެ ރައްކާތެރިކަމާ ބެހޭ ގޮތުން އާންމުންގެ ތެރޭގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ ކަމަށް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ