ގެދޮރުވެރިޔާ ސްކީމުގެ 4000 ފްލެޓުގެ އެއްބަސްވުމުގައި ހޯމަ ދުވަހުން ފެށިގެން ސޮއިކުރަން ފަށާނެ

ގެދޮރުވެރިޔާ ސްކީމުގެ 4000 ފްލެޓުގެ އެއްބަސްވުމުގައި ހޯމަ ދުވަހުން ފެށިގެން ސޮއިކުރަން ފަށާނެ

Author
ހުސައިން
19 ޖުލައި 2025 09:35
0

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި ތައްޔާރުކޮށްފައިވާ 4000 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރުން އަންނަ ހޯމަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ނިންމައިފި އެވެ.

އެފްޑީސީން ބުނިގޮތުގައި، ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން ކަނޑައެޅުމާ ގުޅިގެން، އެއްބަސްވުމުގައި ސޮއިކުރާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައަޅާ ސަރަހައްދުތަކުގައެވެ. މި ސަރަހައްދުތައް ކަނޑައެޅުމުން އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރާނީ ހެނދުނު 9 އިން ހަވީރު 4 އަށް ކަމަށާއި، މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެން ސޮއިކުރާނެ ކަމަށް އެފްޑީސީން ބުންޏެވެ. ސޮއިކުރާނެ ދުވަހާއި ގަޑި އެނގޭނީ "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ދާއިރު ގެންދަންޖެހޭ ލިޔުންތަކުގެ ތެރޭގައި ފްލެޓު ކުއްޔަށް ހިފާ މީހާގެ އައިޑީކާޑުގެ ކޮޕީ، ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ކޮޕީ، ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލާއި ކޮޕީ، އަދި ޒިންމާ އަދާކުރާ މީހާ ސޮއިކޮށްފައިވާ ފޯމުގެ އަސްލު ހިމެނެ އެވެ.

4000 ފްލެޓު ހަވާލުކުރަނީ ފިނިޝިންގެ މަސައްކަތްތައް ނިންމައި، ފަންކާ، ކުޑަދޮރު، ދޮރު ހަރުކޮށް، ޓައިލްސް ޖަހައި، މުޅި ފްލެޓުގައި ކުލަލައި، ފާހަނާތަށްޓާއި މޫނު ދޮންނަ ތަށި ހަރުކޮށްފައި ކަމަށް އެފްޑީސީން ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1820 މީހުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ އިރު، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ހުށަހެޅި ލިޔުންތައް ވެރިފައިކޮށް ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓު ނުލިބޭނެ ކަމަށް އިއުލާންކޮށްފައި ވެ އެވެ. ފްލެޓުތަކުގެ އެއްބަސްވުން ހަދާނީ 25 އަހަރަށް ކަމަށާއި، އެ މުއްދަތަށް ޖެހޭ ކުލި ދައްކައި ނިމުމުން އެޕާޓްމަންޓު މިލްކުކޮށްދޭނެ ކަމަށް އެފްޑީސީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.