މާލޭގެ ހެންވޭރު ސަރަހައްދުގައި މީހަކު ބިރުދައްކައިގެން ފައިސާ ނެގި މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކުރަން ފުލުހުން ދިއުމުން، އެމީހުން ފުލުހުންނާ ދެކޮޅަށް މާރާމާރީ ހިންގައިފިއެވެ. މި ހާދިސާގައި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފައިވެއެވެ.
ހުކުރުދުވަހުގެ ރޭ 11:57 ގައި ފުލުހުންނަށް ލިބުނު ރިޕޯޓެއްގައި ބުނެފައިވަނީ، ލޮނުޒިޔާރަތް މަގުގައި ހުރި ތަނަކަށް މީހަކު ގެންގޮސް ތޫނު އެއްޗަކުން ބިރުދައްކައިގެން އޭނާގެ އެކައުންޓުން 200 ރުފިޔާ ޓްރާންސްފަރ ކުރުވިކަމަށެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ފޭރި ކަމަށް ބެލެވޭ މީހުން އެ ސަރަހައްދުގެ ގެއެއްގައި ތިބިކަން އެނގުމުން، ފުލުހުން އެ ގެއަށް ވަދެގަތުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ގޭގައި ތިބި މީހުން ފުލުހުންނާ ކުރިމަތިލައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގާފައިވާކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ފަރީސާ މަންޒިލް، ހަސަން ލުޖެއިން މުޙައްމަދު (23 އަހަރު) އާއި ހ. ކަނޑުފިނިގެ، މުޙައްމަދު ޝަފީ (55 އަހަރު) އެވެ. ހައްޔަރުކުރަން މަސައްކަތްކުރި ވަގުތު އެ ދެމީހުންނަށާއި ފުލުހަކަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށާއި، އެންމެހައި ފަރާތްތަކަށް ބޭނުންވާ ފަރުވާ ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި ދެމީހުން ކޯޓަށް ހާޒިރުކުރުމުން، ތަޙުގީގަށް ބޭނުންވާ މުއްދަތަށް ރިޢާޔަތްކޮށް 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މިހާރު ފުލުހުން މި މައްސަލަ ތަޙުގީގުކުރަމުން ގެންދަނީ ދެ ވަކި ކުށެއްގެ ގޮތުގައެވެ. އެއީ ފޭރުމުގެ ކުށާއި، ފުލުހުންނަށް ހަމަލާދީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށެވެ.
ކޮމެންޓު ފޮނުވާ