ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މިއަދު މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެ މީހުންގެ ތެރޭގައި ފުލުހަކުވެސް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، 31 އަހަރުގެ އައިޝަތު ޝިޔާޒާ އާއި ހއ. ދިއްދޫ / ހަޒާރުމާގެ، 26 އަހަރުގެ ސައިފުﷲ އަޙްމަދެވެ.
ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި އައިޝަތު ޝިޔާޒާއަކީ ފުލުހެކެވެ. އެ ދެމީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލޭ ވިޔަފާރަވެރިންގެ މިސްކިތް ކައިރިންނެވެ.
އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އައިޝަތު ޝިޔާޒާއަށް 5 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، ސައިފުﷲ އަޙްމަދަށް ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ