ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް ބާއްވާ ތާރީޚީ ރަސްމިއްޔާތުގައި 6000 އަށްވުރެ ގިނަ މީހުން ބައިވެރިކުރުވުމަށް ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތުގައި ކުރީގެ ރައީސުންނާއި ސަރުކާރުގެ އިސްވެރިން އަދި ކައުންސިލްތަކުގެ މެންބަރުން ހިމެނޭނެއެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކުރައްވާ މި ރަސްމިއްޔާތަކީ ރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ދުވަހަކަށް ވާނެ ކަމަށެވެ. މާދަމާއިން ފެށިގެން ދައުވަތު ފޮނުވުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނަށް ފުޓްބޯޅަ މެޗެއް ބަލާފަދައިން މި ރަސްމިއްޔާތު ބެލޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ މި ޓާމިނަލަކީ 78،000 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ބިނާކޮށްފައިވާ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ވަސީލަތްތަކެއް ގާއިމުކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލުގައި 6 އެއިރޯ ބްރިޖާއި، 47 ޗެކްއިން ކައުންޓަރާއި، ސެލްފް ސާވިސް ކިއޮސްކްތަކާއި، އޮޓޯމެޓިކް ބެގޭޖް ހެންޑަލިންގ ސިސްޓަމާއި، އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ސިސްޓަމް ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ހިމެނެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރު އައިއިރު މި މަޝްރޫއުގެ ނިމިފައިވަނީ 54 ޕަސެންޓް މަސައްކަތް ކަމަށްވީނަމަވެސް، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ބާކީ ހުރި މަސައްކަތްތަކުގެ ބޮޑުބައި ފުރިހަމަކޮށް، ޑިއުޓީ ފްރީ އޭރިއާ އާއި ކެއުން ބުއިމުގެ ތަންތަން އިތުރުކޮށް، މަޝްރޫއު ނިންމުމަށް ބޭނުންވާ އެންމެހައި ކަންކަން ކުރިއަށް ގެންދެވިފައިވެއެވެ.
މި ޓާމިނަލް ހުޅުވިގެންދިޔުމުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދަށް ލިބޭނެ ފައިދާތަކުގެ އިތުރުން، ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ހަބަކަށް ވުމުގެ ފުރުސަތު ފުޅާވެގެންދާނެއެވެ. މިހާރު ދަނީ ޓާމިނަލް ސަރަހައްދާ ގުޅޭ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓު ފޮނުވާ