އައިކެއާ ހޮސްޕިޓަލުން ކެރަޓޮކޯނަސް ބައްޔަށް އާ ފަރުވާއެއް ރާއްޖެއަށް ތައާރަފްކޮށްފި

އައިކެއާ ހޮސްޕިޓަލުން ކެރަޓޮކޯނަސް ބައްޔަށް އާ ފަރުވާއެއް ރާއްޖެއަށް ތައާރަފްކޮށްފި

Author
ހުސައިން
17 ޖުލައި 2025 03:27
0

ލޮލުގެ ކޯނިއާ ތުނިވެ ކޯން ޝޭޕަކަށް ބަދަލުވާ ކެރަޓޮކޯނަސް ބައްޔަށް ފަރުވާ ދިނުމުގެ ގޮތުން ކޯނިއަލް ކޮލެޖަން ކްރޮސް ލިންކިން (ސީ3އާރު) ސާޖަރީ އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

މިދިޔަ މާޗު މަހު ފެށިގެން މި ހިދުމަތް ދޭން ފެށި އައިކެއާ ހޮސްޕިޓަލުން ބުނި ގޮތުގައި، މިހާތަނަށް 30 އަށް ވުރެ ގިނަ ޕޭޝަންޓުންނަށް މި ސާޖަރީ ކާމިޔާބުކަމާއެކު ކޮށްދީފައިވެއެވެ. މި ސާޖަރީ ލީޑުކުރަނީ އެ ހޮސްޕިޓަލުގެ އޮޕްތޮމޮލޮޖިސްޓް އަދި ކޯނިއާ ސްޕެޝަލިސްޓް ޑރ. އަދިބް އުދިން ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

ކެރަޓޮކޯނަސް އަކީ ޚާއްސަކޮށް ޒުވާނުންގެ މެދުގައި ފެންނަ ބައްޔަކަށް ވެފައި، ފަރުވާ ނުހޯދައިފި ނަމަ ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެދާނެ ބައްޔެއް ކަމަށް ޑރ. އަދީބް ފާހަގަކުރެއްވިއެވެ. މި ބަލީގައި ލޮލުގެ ފެނުން ދަށްވެ، ލޯ ފުސްވުމާއި، އާންމުކޮށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭ ކަމަށާއި، ބައެއް ހާލަތްތަކުގައި ކޯނިއަލް ޓްރާންސްޕްލާންޓް ކުރަން ޖެހިދާނެ ކަމަށް ޑރ. އަދީބް ވިދާޅުވިއެވެ.

ސީ3އާރު ފަރުވާ އަކީ މިނިމަލީ އިންވޭސިވް ޕްރޮސީޖާއަކަށް ވެފައި، ލޮލަށް ވިޓަމިން ބީ2 ޑްރޮޕްސް ޖެހުމަށް ފަހު ޔޫވީ-އޭ ލައިޓް ބޭނުންކޮށްގެން ކޯނިއާގެ ކޮލެޖަން ފައިބާ ވަރުގަދަކުރާ ފަރުވާއެކެވެ. މި ފަރުވާ މެދުވެރިކޮށް ކޯނިއާގެ ސްޓްރަކްޗާ ސްޓޭބަލައިޒްކޮށް، ބަލި އިތުރަށް ގޯސްވުން ހުއްޓުވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިކެއާ ހޮސްޕިޓަލުން މި ސާޖަރީ ފުރަތަމަ ކޮށްދިނީ 17 އަހަރުގެ ޒުވާނަކަށެވެ. އޭނާ އަކީ ކެރަޓޮކޯނަސް ބަލި ތަހައްމަލު ކުރަމުން ދިޔަ، ލޮލުގެ ފެނުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކުއްޖެކެވެ. ސާޖަރީ އަށް ފަހު އޭނާގެ ލޮލުގެ ފެނުން ރަނގަޅުވެ، ބަލި ސްޓޭބަލައިޒް ވި ކަމަށް އެ ހޮސްޕިޓަލުން ހާމަކުރިއެވެ.

ލޮލުގެ ފަރުވާތަކުގައި އައިކެއާ ހޮސްޕިޓަލުން ވަނީ އެކި އައު ޚިދުމަތްތައް ތައާރަފް ކުރަމުން އަންނަ ތަނަކަށް ވެފައެވެ. މިދިޔަ އަހަރު ޕްރިމެޗުއާކޮށް ވިހާ ކުދިންނަށް އާރްއޯޕީ ލޭޒާ ޓްރީޓްމަންޓް ތައާރަފްކުރުމުގެ އިތުރުން، ކެޓެރެކްޓް ސާޖަރީ އާއި ވިޓްރޯ ރެޓިނަލް ސާޖަރީ ފަދަ އެޑްވާންސްޑް ފަރުވާތައް ވެސް އެ ހޮސްޕިޓަލުން ފޯރުކޮށްދެމުން ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.