ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް 47 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޢަބްދުލްކަރީމް އާދަމް (ކަރީމްބެ) އަވަހާރަވެއްޖެއެވެ. މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައިފިއެވެ.
ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކަރީމްބެއަކީ ދިގު މުއްދަތެއްގައި ރާއްޖޭގެ ޞިއްޙީ ޚިދުމަތުގައި މަސައްކަތްކުރައްވައި، އެތައް ބަޔަކަށް ބޭސްފަރުވާ ފޯރުކޮށްދެއްވި ޚިދުމަތްތެރިއެއް ކަމަށެވެ. އަދި މި ގެއްލުމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ކަރީމްބެއަކީ ފާއިތުވި ބައިގަރުނަށްވުރެ ގިނަ ދުވަހު ޞިއްޙީ ދާއިރާގައި އައިސްފައިވާ ބަދަލުތައް ގާތުން ތަޖުރިބާކުރެއްވި، އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގަތް ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ދިވެހި ދައުލަތަށް ކުރެއްވި ދިގު ޚިދުމަތުގެ އިނާމު ލިބިވަޑައިގެންފައިވާ ޝަރަފްވެރިއެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ، މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް ޢަބްދުލްކަރީމް އާދަމްއަށް މިންވަރު އެދި ދުއާ ކުރައްވާފައެވެ. ހަމައެއާއެކު، މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ