ދުނިޔޭގެ އެންމެ އުމުރުދުވަސްވީ މެރެތަން ދުވުންތެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ 114 އަހަރުގެ ފައުޖާ ސިންގް ކާރު އެކްސިޑެންޓެއްގައި މިދިޔަ ހޯމަ ދުވަހު މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އުތުރުގެ ޕަންޖާބު ސްޓޭޓުގައި، ފައުޖާ ކަސްރަތު ކުރުމަށް ނުކުމެ ހުރި ވަގުތެއްގައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ހާދިސާގައި ތުހުމަތުކުރެވޭ 26 އަހަރުގެ އަމްރިތުޕާލް ސިންގް ދިލޯން ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ބާރު ސްޕީޑުގައި ދުއްވި އެސްޔޫވީން އިނގިރޭސި-އިންޑިއާ ދުވުންތެރިޔާ ފައުޖާގެ ގައިގައި ޖެހުމުން، އޭނާއަށް ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާގެ ފުރާނަ ވަނީ ގެއްލިފައެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި، އެކްސިޑެންޓް ހިނގި ފަހުން ކާރު ދުއްވި މީހާ އެތަނުން ފިލަން އުޅެފައިވާ ކަމަށާއި، އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަ ފައުޖާ ސަލާމަތްވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ.
ފައުޖާ ސިންގް އަކީ ދުނިޔޭގެ އެންމެ މަޝްހޫރު މެރެތަން ދުވުންތެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ މެރެތަން ދުވަން ފެށީ 89 އަހަރުގައި ކަމަށާއި، 2000 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރު ރިޓަޔާ ކުރުމާ ހަމައަށް ނުވަ ފުލް މެރެތަން ފުރިހަމަކޮށްފައިވާ ކަމަށް ވެއެވެ. 100 އަހަރު ފުރުމަށްފަހުވެސް އެކި އުމުރުފުރާތަކުގެ މެރެތަންތަކުގައި ބައިވެރިވެ، ގިނަ ރެކޯޑުތަކެއް ކާމިޔާބުކޮށްފައިވާ ފައުޖާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލައިގަންނަ މީހެކެވެ.
ކޮމެންޓު ފޮނުވާ