ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މޫސުމް ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާއްސަ އެލާޓެއް ނެރެފި އެވެ.
މެޓް އޮފީހުން ނެރުނު މި އެޑްވައިޒަރީގައި ފާހަގަކޮށްފައިވަނީ މިއަދު ޖުލައި 17 އިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހުގެ މުއްދަތުގައި ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ވަރަށް ބޮޑަށް ގަދަވާނެ ކަމަށެވެ.
މި މުއްދަތުގައި ވައިގެ ބާރު ވަރަށް ބޮޑަށް އިތުރުވެ، ވިލާގަނޑުގައި ވެސް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާދެ އެވެ. ހާއްސަކޮށް ކަނޑުތަކާއި ކަނޑުއޮޅިތަކުގައި ވިލާގަނޑު އިންތިހާއަށް ގަދަވާނެ ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ. މީގެ އިތުރުން ބޮޑެތި ވިއްސާރަތަކާއެކު ގުގުރުމާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްތަކަށް އުދައިގެ ނުރައްކާތެރި އަސަރުތައް ކުރާނެ ކަމަށް ވެސް އިންޒާރުދީފައިވެ އެވެ.
މި ހާލަތާ ގުޅިގެން މެޓް އޮފީހުން އެންމެހައި ރައްޔިތުންނަށް އިލްތިމާސްކުރަނީ މޫސުމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށެވެ. ޚާއްސަގޮތެއްގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މި މުއްދަތުގައި އިތުރު ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަރަށް ބޮޑަށް އިލްތިމާސްކޮށްފައިވެ އެވެ.
ކޮމެންޓު ފޮނުވާ