ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކުރަން ސަރުކާރުން އާ އޮފީހެއް ޤާއިމްކުރަން ބިލެއް

ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކުރަން ސަރުކާރުން އާ އޮފީހެއް ޤާއިމްކުރަން ބިލެއް

Author
ހުސައިން
15 ޖުލައި 2025 12:15
0

ދިވެހިރާއްޖޭގައި ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި "މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަރޓީ އޮފީސް" ގެ ނަމުގައި ވަކި އޮފީހެއް އުފެއްދުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދުއެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ފިކުރީ މުދާ ރައްކާތެރިކޮށް ތަރައްޤީކުރެވޭނެ ވަރުގަދަ ނިޒާމެއް ޤާއިމްކުރުމެވެ. މީގެ އިތުރުން ވިޔަފާރީގެ ދާއިރާގައި އީޖާދީ ފިކުރާއި އުފެއްދުންތެރިކަން އިތުރުކޮށް، މި ދާއިރާ ފުޅާކޮށް، ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިކުރުމެވެ.

ބިލުގައި ބުނާގޮތުން މި ޤާނޫނުގެ ދަށުން ރައްކާތެރިކުރެވޭނެ ފިކުރީ މުދަލުގެ ބާވަތްތަކުގެ ތެރޭގައި ޓްރޭޑްމާކް، ކޮޕީރައިޓް، ޕޭޓަންޓް، އިންޑަސްޓްރިއަލް ޑިޒައިން އަދި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެއެވެ.

އާ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދަލާ ބެހޭ ދަފްތަރެއް ތައްޔާރުކުރުމާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅުން ވަރުގަދަކުރުމާއި، ފިކުރީ މުދަލާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ރާއްޖެ ބައިވެރިވުމަށް ބޭނުންވާ ކަންތައްތައް ކުރުން ހިމެނެއެވެ.

މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ވެރިޔަކީ ރަޖިސްޓްރަރ އޮފް އިންޓަލެކްޗުއަލް ޕްރޮޕަރޓީއެވެ. މި މަޤާމަށް މީހަކު ޢައްޔަންކުރާނީ އިޤްތިޞާދީ ވަޒީރެވެ. ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މި މަޤާމަށް މީހަކު ޢައްޔަންކުރަންޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރަޖިސްޓްރަރ އޮފް އިންޓަލެކްޗުއަލް ޕްރޮޕަރޓީގެ މުއްދަތަކީ 5 އަހަރު ދުވަހެވެ. އޭނާގެ މުއްދަތު ހަމަވުމުން އެ މަޤާމަށް އަލުން ޢައްޔަންކުރާނީ އެހެން މީހެއްކަމަށް ބިލުގައި ވެއެވެ.

ރަޖިސްޓްރަރގެ ޒިންމާތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓްރީކުރަން ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތައް ބަލައިގަންނާނެ ނިޒާމު ހަމަޖެއްސުމާއި، އެ ހުށަހެޅުންތައް ރައްކާތެރި ގޮތެއްގައި ޢާންމުކުރުމާއި ދިރާސާކުރުން ހިމެނެއެވެ. އަދި ފިކުރީ މުދަލުގެ ދަފްތަރު އުފައްދައި، އެ ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުން ވެސް ހިމެނެއެވެ.

ބިލުގައި ފިކުރީ މުދަލުގެ ދަފްތަރު ބެލެހެއްޓުމާއި އިޞްލާޙުކުރުމާއި، މަޢުލޫމާތަށް ބަދަލު ގެނައުމާ ބެހޭ ތަފްޞީލުތައް ހިމަނާފައިވެއެވެ. މީގެ އިތުރުން ރަޖިސްޓްރަރގެ މަސްއޫލިއްޔަތުތަކާއި އޮފީހުގެ މަސައްކަތްތަކާއި ސުލޫކީ މިންގަނޑުތައް ވެސް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 3 މަސްދުވަސް ފަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.