ވަޒީފާ ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ވަނީ 1100 ޒުވާނުންނަށް ވަޒީފާ ހޯދައިދީފަ: އަސްވާޑު

ވަޒީފާ ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ވަނީ 1100 ޒުވާނުންނަށް ވަޒީފާ ހޯދައިދީފަ: އަސްވާޑު

Author
ހުސައިން
15 ޖުލައި 2025 09:07
0

ދިވެހިރާއްޖޭގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ނުލިބޭ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިހާތަނަށް 1100 އަށްވުރެ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދެވިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) ހާމަކުރައްވައިފިއެވެ.

"އަހާ" ފޯރަމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ވަޒީފާގެ ފުރުސަތުތައް ހުޅުވާލާއިރު އާންމުންގެ ފަރާތުން އެންމެ ގިނައިން އިވޭ ޝަކުވާއަކީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ދޭ ކަމުގެ ތުހުމަތު ކަމަށެވެ. ނަމަވެސް މިފަދަ ޝަކުވާތައް އުފެދެނީ ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ ސަބަބުން ކަމަށް ފާހަގަކުރައްވައި، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކިއެކި ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އަމިއްލަ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އަސްވާޑް ފާހަގަކުރެއްވިއެވެ. މިނިސްޓްރީގެ އެންމެ މުހިންމު އެއް މަސައްކަތަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ހާމަކުރެއްވި ގޮތުގައި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ނެޕް) ގެ ދަށުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 657 ޒުވާނުންނަށް ތަމްރީނު ދެވިފައިވެއެވެ. "އޭގެ މާނައަކީ މި ދެއަހަރުގެ ތެރޭގައި ކޮންމެ ދުވަހަކަށް ކުއްޖެއް ނެރެވިއްޖެ. އެކުދިން ތިބޭނީ ވަޒީފާގައި މިހާރު" ވަޒީރު ވިދާޅުވިއެވެ.

މިދާދި އިއްޔެގައި މެރިއޮޓް އިންޓަނޭޝަނަލް އާ ގުޅިގެން އައު ޕްރޮގްރާމެއް ފެށިފައިވާ ކަމަށާއި، މި ޕްރޮގްރާމްގެ ދަށުން ދެ ބެޗު ނިމި، އެ ކުދިން މިހާރު މެރިއޮޓްގެ ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނެޕް ޕްރޮގްރާމް ނިމުމުން ގާބިލް ޒުވާނުންނަށް ދާއިމީ ވަޒީފާ ލިބޭ ކަމަށްވެސް އަސްވާޑް ވިދާޅުވިއެވެ.

ވަޒީފާ ބޭނުންވެފައި ތިބި ނަމަވެސް ބޭނުންވާ ޝަރުތުތައް ފުރިހަމަ ނުވާ ޒުވާނުންނަށް "ކޮމިއުނިޓީ އަޕްސްކިލިންގް" ޕްރޮގްރާމެއް ހިންގައި 420 ޒުވާނުންނަށް ތަމްރީނު ދެވިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. ސެޓްފިކެޓް ލެވެލް 3 ގެ އެކްރެޑިޓް ކޮށްފައިވާ މި ކޯސްތައް ފުރިހަމަކުރާ ކުދިންނަށް ކުރިން ކޮލިފައި ނުވާ ވަޒީފާތަކަށް ކޮލިފައިވާނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ.

މިފަދަ އެކިއެކި ޕްރޮގްރާމްތަކުގެ ދަށުން ޖުމްލަ 1100 އަށްވުރެ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދެވިފައިވާ ކަމަށާއި، މި މަސައްކަތްތައް ނިމުމާއެކު ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ވަޒީފާތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ޒުވާނުންނަށް އިތުރަށް ފަހިވެގެންދާނެ ކަމަށް ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.