ކުރީގެ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ 4,000 ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ހަފްތާ ފަށާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ހާމަކުރައްވައިފި އެވެ.
ވަޒީރުންގެ "އަހާ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޖުލައި މަހުގެ ކުރީކޮޅު ފްލެޓްތަކުގެ އެއްބަސްވުން ސޮއިކުރެވޭނެ ކަމަށް ކުރިން ވިދާޅުވެފައިވީ ނަމަވެސް، އިދާރީ ބައެއް ކަންތައްތައް ފުރިހަމަ ނުވުމުގެ ސަބަބުން މަސައްކަތް ލަސްވެފައިވާ ކަމަށެވެ.
"ލިސްޓް ނެރުނު ފަހުން ބެލިއިރު އެޗްޑީސީގެ ފަރާތުން ތައްޔާރުކުރި އެއްބަސްވުން ކަމާބެހޭ އިދާރާތަކުން ވެޓްކޮށްފައެއް ނެތް. މިނިސްޓްރީންވެސް ވެޓް ކޮށްފައެއް ނެތް. އެޓާނީ ޖެނަރަލް އޮފީހުންވެސް ވެޓްކޮށްފައެއް ނެތް،" މުއްތަލިބް ވިދާޅުވި އެވެ.
މިހާރު އެއްބަސްވުން އެޓާނީ ޖެނަރަލް އޮފީހަށް ފޮނުވައި، ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 4,000 މީހުންނާއެކު ސޮއިކުރުމަކީ ބުރަ ބޮޑު މަސައްކަތަކަށްވާތީ، އެޗްޑީސީއާ ގުޅިގެން ހާއްސަ ތަނެއް ތައްޔާރުކޮށް، ޓެންޓް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހަމަޖައްސަމުންދާ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މިހާރުގެ ޓާގެޓަކީ ހުރިހާ ކަންތައްތަކެއް ހަމަޖައްސައި އަންނަ ހަފްތާ ތެރޭގައި އެގްރިމަންޓްތަކުގައި ސޮއިކުރަން ފެށޭވަރު ކުރުން،" މުއްތަލިބް ވިދާޅުވި އެވެ.
އެންމެ ބޭނުންވާ މީހުންނަށް އިސްކަންދީގެން، އަވަހަށް ނިމޭ ފްލެޓްތައް ހަވާލުކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) މެދުވެރިކޮށް ހުޅުމާލޭގައި އަޅަމުންދާ މި 4,000 އެޕާޓްމަންޓްގެ ތެރޭގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1,200 އެޕާޓްމަންޓާއި، 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2,800 އެޕާޓްމަންޓް ހިމެނެ އެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕަރޭޝަން (އެންބީސީސީ) އާއި ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ ހަވާލުކޮށްގެންނެވެ. ކޮންމެ ކުންފުންޏަކުން 2,000 ފްލެޓް ތައްޔާރުކުރާނެ އެވެ.
އެންބީސީސީ ކުންފުނިން އަޅާ ފްލެޓްތަކަށް "އަމާން ދޯދި" އަދި ކޭޕީއައިއެލް ކުންފުނިން އަޅާ ފްލެޓްތަކަށް "އަމާން އުދަރެސް" ގެ ނަމުން ނަންދީފައި ވެއެވެ. ދެ މަޝްރޫއުގައި ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ އެވެ.
ކޮމެންޓު ފޮނުވާ