ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

Author
ހުސައިން
13 ޖުލައި 2025 09:47
0

ބޮޑުތަކުރުފާނު މަގުގައި ހުންނަ މާފަންނު ބަސް ޓާމިނަލް ކުރިމަތީގެ ޒިބްރާ ކްރޮސިންގ އިން މަގު ހުރަސްކުރަމުން ދިޔަ މީހަކާ ބާރަށް ދުއްވި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު މަރުވެއްޖެއެވެ.

މިރޭ 8:10 ހާއިރު ހިނގި މި ހާދިސާގައި ތިން މީހުންނަށް އަނިޔާ ލިބުނު ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. މަގު ހުރަސްކުރަމުން ދިޔަ މީހާއާއި ސައިކަލުގައި ދަތުރުކުރަމުން ދިޔަ ދެ މީހުންނަށް މި ހާދިސާގައި އަނިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ކުޑަކުއްޖަކު މަރުވި ކަމަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން އެނގެއެވެ. އެކަމަކު މަރުވި މީހާއަކީ ކާކުކަން އަދި ރަސްމީކޮށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ދުވަން ނުކުމެ އުޅުނު މީހަކު މަގު ހުރަސްކުރަން މަސައްކަތް ކުރަމުން ދަނިކޮށް ސައިކަލުން އޭނާގެ ގައިގައި ޖެހުމުން ސައިކަލު ކޮންޓްރޯލުން ނެއްޓި، އެ ވަގުތު އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ޕިކަޕަކަށް ސައިކަލު އުރިއިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މަގު ހުރަސްކުރި މީހާ ވެސް ސައިކަލާއެކު ޕިކަޕަށް އުރިފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ހުރި ނޫސްވެރިން ދިން މަޢުލޫމާތުގައި، މަގު ހުރަސްކުރި މީހާގެ ބޮލަށް ވަރަށް ބޮޑު އަނިޔާއެއް ލިބި، ބޮލުން ލޭ ފައިބައިފައި އޮތް ތަން ފެނުނު ކަމަށް ބުނެފައިވެއެވެ. އަނިޔާ ލިބުނު މީހުން ޕިކަޕަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ނޫސްވެރިން ވިދާޅުވިއެވެ.

ސައިކަލުގައި ދަތުރުކުރި ދެ މީހުންގެ ތެރެއިން އެކަކު ޕިކަޕުގެ އަޑިން ނެރުނު ކަމަށާއި، އޭނާގެ ހާލު ވަރަށް ނާޒުކު ކަމަށް ހާދިސާ ހިނގި ތަން ދުށް މީހުން ބުނެފައިވެއެވެ. އެހެންނަމަވެސް މަރުވި މީހާއަކީ ކާކުކަން އަދި ރަސްމީކޮށް އެނގިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.