ޙޫޘީން ޙަމަލާދީ ފައްތާލި ބޯޓުން އިތުރު 5 މީހުން ސަލާމަތް ކޮށްފި

ޙޫޘީން ޙަމަލާދީ ފައްތާލި ބޯޓުން އިތުރު 5 މީހުން ސަލާމަތް ކޮށްފި

Author
ހުސައިން
11 ޖުލައި 2025 12:33
0

ޔަމަނުގެ ޙޫޘީ ޖަމާޢަތުން ރަތް ކަނޑުގައި ޙަމަލާދީ ފައްތާލި ގްރީސްގެ އެޓާނިޓީ ސީ ބޯޓުގެ އިތުރު ހަތަރު ފަޅުވެރިންނާއި ސެކިއުރިޓީ ގާޑެއް ކަނޑުން ސަލާމަތްކޮށްފިއެވެ.

ލައިބީރިޔާ ދިދައިގައި ދުއްވި މި ބޯޓަށް ޖުލައި 7 ގައި ޑްރޯންއާއި ބޮން ބޭނުންކޮށް ޙޫޘީން ދިން ޙަމަލާގައި 25 މީހުންގެ ތެރެއިން 4 މީހުން މަރުވި ކަމަށް ބެލެވެއެވެ. ޖުލައި 8 ގައި އަލުން ޙަމަލާދިނުމުން ފަޅުވެރިން ކަނޑަށް ފުއްމާލަން މަޖުބޫރުވިއެވެ.

މިހާތަނަށް 10 މީހުން ސަލާމަތްކޮށްފައިވާއިރު، އޭގެތެރޭގައި ފިލިޕީންސްގެ 8 ފަޅުވެރިންނާއި، އިންޑިޔާ ފަޅުވެރިޔަކާއި، ގްރީސް ގާޑެއް ހިމެނެއެވެ. އެންމެ ފަހުން ސަލާމަތްކުރި 4 މީހުން ފެނުނީ ކަނޑުގައި 48 ގަޑިއިރު ހޭދަކުރުމަށްފަހުގައެވެ.

11 ފަޅުވެރިން އަދިވެސް ގެއްލިފައިވާއިރު، އެމެރިކާއިން ބުނީ ބައެއް މީހުން ޙޫޘީން ބަންދުކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ޙޫޘީންގެ ތަރުޖަމާނު ބުނީ ޔަމަނު ސިފައިން ބައެއް ފަޅުވެރިން ސަލާމަތްކޮށް ފަރުވާދީ ރައްކާތެރި ތަނަކަށް ގެންގޮސްފައިވާ ކަމަށެވެ.

ޣައްޒާގެ ރައްޔިތުންނާ އެއްބާރުލުން ދިނުމަށް ޙޫޘީން 2023 ނޮވެމްބަރުން ފެށިގެން ޔަހޫދީންނާ ގުޅުންހުރި ބޯޓުތަކަށް ޙަމަލާދެމުން އަންނައިރު، މި ޙަމަލާތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް ބޮޑު ގެއްލުން ލިބެމުންދެއެވެ. ރަތް ކަނޑުގެ މި މަގުން އަހަރަކު 1 ޓްރިލިއަން ޑޮލަރުގެ މުދާ އުފުލާއިރު، އިންޝޫރެންސް ޚަރަދު 700,000 ޑޮލަރަށް އަރައި، ގިނަ ކުންފުނިތަކުން ދަތުރުތައް ހުއްޓާލަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.