ރާއްޖޭގެ އެއްވެސް މަސްވެރި ކުންފުންޏެއް އީޔޫ އާއި ޔޫކޭއިން ބްލެކްލިސްޓް ކޮށްފައިނުވޭ: ޝިޔާމް

ރާއްޖޭގެ އެއްވެސް މަސްވެރި ކުންފުންޏެއް އީޔޫ އާއި ޔޫކޭއިން ބްލެކްލިސްޓް ކޮށްފައިނުވޭ: ޝިޔާމް

Author
ހުސައިން
10 ޖުލައި 2025 11:04
0

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިވިލާތުން ދިވެހިރާއްޖޭގެ އެއްވެސް މަސްވެރި ކުންފުންޏެއް ބްލެކްލިސްޓް ކޮށްފައިނުވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ސަރުކާރުގެ މަސް ކުންފުނި މިފްކޯ އާމެދު އިނގިރޭސިވިލާތާއި ޔޫރަޕުގެ ޤައުމުތަކުން ވިޔަފާރި މަނާކުރި ކަމަށް ބުނެ ފަތުރާ ޚަބަރުތަކާ ގުޅިގެން ޝިޔާމް ވިދާޅުވެފައިވަނީ، އެއީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މިފްކޯގެ އިތުރުން ދިވެހިރާއްޖޭގެ އެހެން އެއްވެސް މަސްވެރި ކުންފުންޏެއްވެސް ޔޫރަޕިއަން ޔޫނިއަނާއި އިނގިރޭސިވިލާތުން ކަޅު ލިސްޓުގައި ހިމަނާފައެއް ނުވެއެވެ. އަދި ކުރިއަށް އޮތް ހަފުތާގައި އިނގިރޭސިވިލާތުގެ ބޮޑު ވިޔަފާރިވެރިއަކު މިފްކޯއާ ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ކުރުމަށް ރާއްޖެ އަންނަ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމަކީ ގިނަ އާއިލާތަކެއްގެ ދިރިއުޅުން ބިނާވެފައިވާ މުހިންމު ސިނާއަތެއް ކަމަށް ފާހަގަކުރައްވަމުން، ވަޒީރު ޝިޔާމް ވިދާޅުވީ ހަގީގަތާ ޚިލާފު މައުލޫމާތު ފަތުރައިގެން މި ސިނާއަތުގައި މަސައްކަތްކުރާ އާއިލާތަކަށާއި މުޅި ޤައުމަށް ނިކަމެތިކަން ގެނެސްދޭ ފަދަ އަމަލުތަކަކީ ނޫސްވެރިކަމުގެ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

މިފްކޯއިން ވެސް ވަނީ އެ ކުންފުނި އީޔޫ އާއި އިނގިރޭސިވިލާތުން ބްލެކްލިސްޓް ކޮށްފައިނުވާކަން ތަކުރާރުކޮށް ކަށަވަރުކޮށްދީފައެވެ. އެ ކުންފުނިން ބުނި ގޮތުގައި، ފަތުރެމުންދާ ޚަބަރުތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން މައުލޫމާތުގެ ސައްޙަކަން ބަލާފައިވާ ކަމަށާއި، މިފްކޯއާ މެދު އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.