މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދުގެ 100 ވަނަ އުފަން ދުވަހާ ދިމާކޮށް، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާލޭގެ ހުކުރު މިސްކިތުގެ މުންނާރުގެ ނަމޫނާއެއް މިއަދު އެ މަނިކުފާނަށް ހަދިޔާ ކޮށްފިއެވެ. މަހާތިރުގެ 100 ވަނަ އުފަން ދުވަހަކީ މާދަމާ ކަމުން، މި ހަދިޔާއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ ނިޝާނެކެވެ.
މެލޭޝިއާގެ ޕެޑާނާގެ ލީޑާޝިޕް ފައުންޑޭޝަނުގައި ބޭއްވި ބައްދަލުވުމުގައި 88 އަހަރުގެ މައުމޫން، މަހާތިރަށް އުފަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި، ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެންނެވިއެވެ. މި ވަގުތު މެލޭޝިއާގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދަވާ މައުމޫނާއެކު ބައްދަލުވުމުގައި ދަރިކަލުން ފާރިސް މައުމޫނާއި ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ބައިވެރިވެވަޑައިގަތެވެ.
ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތުގެ މުންނާރަކީ 300 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ، ރާއްޖޭގެ ދީނީ އަދި ތާރީހީ ގޮތުން އެންމެ މުހިންމު ބިނާތަކުގެ ތެރެއިން އެއްބިނާއެވެ. ހިޖުރައިން 1085 ވަނަ އަހަރު އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި ބިނާކުރެވުނު މި މުންނާރަކީ، ހިރިގަލާއި އުވައިން ތަރައްގީކޮށްފައިވާ މާލޭގެ އެންމެ މަޝްހޫރު ބިނާތަކުގެ ތެރެއިން އެއް ބިނާއެވެ.
މި ބައްދަލުވުމުގައި ދެ ލީޑަރުން ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ދިގު ތާރީހީ ގުޅުމާއި، ލީޑަރޝިޕްގެ ދާއިރާއިން ހިއްސާކުރި ތަޖުރިބާތަކުގެ މައްޗަށް މަޝްވަރާކުރެއްވިއެވެ. އިސްލާމީ ދުނިޔޭގެ ސުލްހައާއި އަމާންކަމަށް ދެ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތްތަކާމެދު ވެސް ވާހަކަދެއްކެވިއެވެ.
މައުމޫން، މަހާތިރުގެ ވެރިކަމުގައި މުސްލިމް އުންމަތުގެ އެއްބައިވަންތަކަމަށް ކުރެއްވި ޚިދުމަތްތައް ފާހަގަކުރައްވައި، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ މުޖުތަމައު ފެއިލްވެފައިވާކަން މައުމޫން ފާހަގަކުރެއްވިއެވެ.
މައުމޫންގެ ވެރިކަމުގައި ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވަރަށް ގާތް ގުޅުމެއް ގާއިމުވެ، ޚާއްޞަކޮށް މައުމޫނާއި މަހާތިރާ ދެމެދު ވަރަށް ބަދަހި ރަހުމަތްތެރިކަމެއް އުފެދުނެވެ. މި ގުޅުމުގެ ނަތީޖާއެއްގެ ގޮތުން މާލޭގައި އިސްލާމީ މަރުކަޒު ބިނާކުރުމަށް މެލޭޝިއާ ސަރުކާރުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ކަމާއި، އެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް މަހާތިރު ރާއްޖެ ޒިޔާރަތްކުރި ކަން ފާހަގަކުރެވެއެވެ.
މެލޭޝިއާގެ ތަރައްގީގެ ބާނީގެ ގޮތުގައި ބެލެވޭ މަހާތިރަކީ، އެ ގައުމު ކުރިއަރައި ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރި ލީޑަރެކެވެ. މި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ތާރީހީ ގުޅުމާއި، ދެ ލީޑަރުންގެ ދެމެދުގައި އޮތް ޚާއްޞަ ރަހުމަތްތެރިކަން ދެމެހެއްޓުމުގެ މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ