ޖިނާއީ މައްސަލަތަކުގައި ދިވެހިރާއްޖެއާއި ސްރީ ލަންކާ ގުޅިގެން މަސައްކަތްކުރުމަށް ދެ ޤައުމުގެ ދެމެދުގައި ވެފައިވާ މުހިންމު އެއްބަސްވުމަށް ސްރީ ލަންކާގެ ކެބިނެޓުން މިއަދު ރުހުން ދީފިއެވެ. މިއީ ދެ ޤައުމުގެ ޖިނާއީ އަދުލުގެ ނިޒާމު ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ސްރީ ލަންކާގެ ނޫސްތަކުގައި މިއަދު ޝާއިޢުކުރި ޚަބަރުތަކުން އެނގޭގޮތުގައި، އެ ޤައުމުގެ ކެބިނެޓް ބައްދަލުވުމުގައި މި އެއްބަސްވުމަށް ވަނީ ރުހުން ދީފައެވެ. މި ނިންމުމާއެކު ދެ ޤައުމުގެ ފަރާތުން އެއްބަސްވުން ތަންފީޒުކުރުމަށް ބޭނުންވާ ރަސްމީ އިޖުރާއަތުތައް ވަނީ ފުރިހަމަ ވެފައެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން މި އެއްބަސްވުން ފާސްކޮށް ރުހުން ދީފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. އެހެންކަމުން ލަންކާގެ ކެބިނެޓުން މިއަދު ދިން ރުހުމާއެކު، އެއްބަސްވުން އަމަލުކުރަން ފެށުމަށް ހުރި ހުރަސްތައް ނެތިގެން ގޮސްފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ސަލާމަތީ އިދާރާތަކަށް މަޢުލޫމާތާއި ތަޖުރިބާ ހިއްސާކޮށް، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި އެއްބާރުލުން ފޯރުކޮށްދެވޭނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން އޯގަނައިޒްޑް ކްރައިމް، މަނީ ލޯންޑަރިންގ، ޓެރަރިޒަމް ފަދަ ބައިނަލްއަޤްވާމީ ކުށްތަކާ ދެކޮޅަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި ކުށްވެރިން ޤާނޫނުގެ ކުރިމައްޗަށް ގެނައުމުގައި ދެ ޤައުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށްވެސް އުންމީދުކުރެވެއެވެ.
ކޮމެންޓު ފޮނުވާ