ހުޅުމާލޭ ހޮސްޕިޓަލުގެ ޚިދުމަތްތައް ދިނުމުގައި ދިމާވާ ދަތިތަކާ ގުޅިގެން އިދިކޮޅު އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ. ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި މި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުން ކަމަށްވާއިރު، 37 މެންބަރުން ވޯޓުދެއްވީ މައްސަލަ ބަލައިނުގަތުމަށެވެ.
ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލަކީ މަހަކު އެވަރެޖްކޮށް 15،000އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކަން ޒިޔާރަތްކުރާ ތަނެއް ކަމަށާއި، މަހެއްގެ މައްޗަށް 330އަށް ވުރެ ގިނަ ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ތަނެއްކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ފޯރުކޮށްނުދިނުމާއި، އެކަށީގެންވާ ބަޖެޓު ނުލިބުމުގެ ސަބަބުން ޚިދުމަތްތައް ދިނުމަށް ދަތިވަމުންދާކަމަށް ޝަމްހީދު ވިދާޅުވިއެވެ.
މި މައްސަލައިގައި އިތުރަށް ފާހަގަކޮށްފައިވަނީ 24 ގަޑިއިރު ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ކަނޑައެޅިފައިވާ ހުޅުމާލޭ ހޮސްޕިޓަލުގައި އެކަށީގެންވާ އަދަދަށް މެޑިކަލް އޮފިސަރުން ނެތުމާއި، އިތުރުގަޑީގެ ފައިސާ ދިނުން ހުއްޓައިލުމުގެ ސަބަބުން ޑޮކްޓަރުން އިތުރު މަސައްކަތް ކުރުމަށް ދެކޮޅުހަދަމުންދާ ކަމެވެ. މީގެ އިތުރުން އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓެއް ނުވަތަ ނިއުރޯލޮޖިސްޓެއް މިވަގުތު ހޮސްޕިޓަލުގައި ނެތްކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.
ފާއިތުވި ދުވަސްތަކުގައި ހުޅުމާލޭ ހޮސްޕިޓަލަށް ޓެކްނިކަލް މައްސަލަތައް ދިމާވެ، ޚިދުމަތްތަކަށް ބުރޫއަރަމުން އައިސްފައިވާކަން ފާހަގަކުރެވެއެވެ. އިއްޔެ ވެސް ޓެކްނިކަލް މައްސަލައެއް ދިމާވުމުން ބައެއް ޚިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑި، ގަޑިއިރެއް ފަހުން އަލުން ފެށިފައިވެއެވެ. މީގެ ދެ ހަފުތާ ކުރިން މިދިޔަ މަހުގެ 27ގައި ވެސް ކަރަންޓު މައްސަލައެއް ދިމާވެ، އޯޕީޑީގެ ޚިދުމަތް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ބަދަލުކުރަން ޖެހުނުކަމާއި، އެ މައްސަލަ ހައްލުވީ ހަ ގަޑިއިރު ފަހުންކަން އެނގެއެވެ.
ޝަމްހީދު ވިދާޅުވި ގޮތުގައި މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ހުޅުމާލޭގައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. އެހެންކަމުން ހޮސްޕިޓަލުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ މި ހާލަތަށް ސަރުކާރުގެ ސަމާލުކަން ގެނެސް، އަވަސް ފިޔަވަޅުތައް އެޅުމަށް އެދި މި ކުއްލި މައްސަލަ ހުށަހެޅި ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ