މަކަރާއި ހީލަތުގެ ދެ މައްސަލައަކާއި އެހެން ދެ މައްސަލައެއްގެ ތަހުގީގަށް 4 ބިދޭސީއަކު ހޯދުމަށް ފުލުހުން އެމީހުންގެ ފޮޓޯ އާންމުކޮށްފިއެވެ.
ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ބަންގުލަދޭޝްގެ ދެ ރައްޔިތަކު ހާޒިރުކުރަން ބޭނުންވެއެވެ. އެއީ 31 އަހަރުގެ މުހައްމަދު ތޮޔޮބުރު އާއި 20 އަހަރުގެ މުހައްމަދު އަސަދުއެވެ. މި ދެމީހުން އުޅޭ ތަނެއް ނޭނގުމުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން އިއުލާނުކޮށްގެން ހާޒިރުވުމަށް އަންގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ދެމީހުން ހާޒިރުވާންޖެހެނީ ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ޖުލައި 15 ވަނަ ދުވަހުގެ ހެނދުނު 11 ގައެވެ.
ހަމަ އެހެންމެ މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި އިތުރު ދެ ބިދޭސީއަކު ވެސް ހޯދަމުންދެއެވެ. އެއީ 21 އަހަރުގެ އެމް.ޑީ މިރު ރަހްމާން އާއި 38 އަހަރުގެ އެމް.ޑީ މިންތު މިއާއެވެ. މި ދެމީހުން ވެސް އުޅޭ ތަނެއް ނޭނގޭތީ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށާއި، އެހެންކަމުން ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން އިއުލާނުކޮށްގެން ހާޒިރުވުމަށް އަންގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ދެމީހުން މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވާންޖެހެނީ ވެސް ޖުލައި 15 ވަނަ ދުވަހުގެ ހެނދުނު 11 ގައި ތުހުމަތުގައި ސުވާލުކުރުމަށެވެ. ފުލުހުން ބުނެފައިވަނީ މި ހަތަރު ބިދޭސީން ހޯދަމުންދަނީ ވަކިވަކި މައްސަލަތަކުގެ ތަހުގީގަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ