މެލޭޝިއާ ސަރުކާރުން އެގައުމުގައި ތައުލީމު ހާސިލްކުރާ ބޭރުގެ ދަރިވަރުން ދެއްކުން ލާޒިމް ކޮށްފައިވާ އައު ޓެކްސްގެ ބުރަ، އެ ޤައުމުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ނުފޯރާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ޔަޤީންކަން ދީފިއެވެ.
މިނިސްޓްރީގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، މެލޭޝިއާގައި ސްކޮލަޝިޕް ލިބިގެން ކިޔަވާ ދިވެހި ދަރިވަރުންނަށް މި ޓެކްސް ދައްކަންޖެހޭ ހާލަތުގައި، އެ ފައިސާ ސަރުކާރުން ދޫކުރާނެކަމަށެވެ. މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، އެހެން ޤައުމުތަކުގައި ކިޔަވާ ދަރިވަރުންނެކޭ އެއްފަދައިން މެލޭޝިއާގައި ކިޔަވާ ދަރިވަރުންނަށް ވެސް ގަވާއިދުން ފައިސާ ފޮނުވަމުން ގެންދެއެވެ.
މެލޭޝިއާ ސަރުކާރުން މި މަހުގެ ކުރީކޮޅު ނިންމީ، އަހަރަކު 60,000 މެލޭޝިއަން ރިންގިޓަށްވުރެ މަތީ ކޯސް ފީއެއް ދައްކާ ބޭރުގެ ދަރިވަރުންގެ އަތުން 6 ޕަސެންޓުގެ ޓެކްސްއެއް ނެގުމަށެވެ. މި ޓެކްސް ނަގާނީ އަމިއްލަ ތަޢުލީމީ މަރުކަޒުތަކާއި، ބޭރުގެ ދަރިވަރުންނަށް ފުރުޞަތު ދޭ މަތީ ތަޢުލީމުގެ މުއައްސަސާތަކުންނެވެ.
ސްކޮލަޝިޕް ދަރިވަރުންގެ އިންވޮއިސްތަކުގައި މި ޓެކްސް ހިމެނިއްޖެނަމަ، އެ މިންވަރު ވެސް ދިވެހި ސަރުކާރުން ދޫކުރާނެކަމަށް މިނިސްޓްރީން ވަނީ ޔަޤީންކަން ދީފައެވެ. މީގެ އިތުރުން، ލޯނު ނަގައިގެން މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ވެސް މި ޓެކްސްގެ ކަންތައްތައް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ބުނެއެވެ.
މި އައު ޓެކްސްގެ ދަށުން، ކޮލެޖު ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60,000 ރިންގިޓް ނެގޭ އަމިއްލަ ތަޢުލީމީ މަރުކަޒުތަކުން މި ޓެކްސަށް ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ. ހަމައެއާއެކު، މަތީ ތަޢުލީމު ފޯރުކޮށްދޭ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން ބޭރުގެ ދަރިވަރުންނަށް ފުރުޞަތު ދޭނަމަ، އެ މުއައްސަސާތަކުން ވެސް މި ޓެކްސަށް ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.
ކޮމެންޓު ފޮނުވާ