ސޯޝަލް މީޑިއާގައި އަންހެނުންގެ ސިފަ ޖަހައިގެން ނުކިޔަމަންތެރި ވާހަކަތައް ދައްކަމުން އައި ގ. ކަމަރާގެ މުހައްމަދު ނަބީލް، ޔާޔާ ނަބީލްގެ ނަމުން މަޝްހޫރު މީހާ، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގައި އުމުރުދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި ހުކުމާއެކު އޭނާއަށް 100،000 ރުފިޔާގެ ޖޫރިމަނާއެއް ވެސް ކަނޑައަޅައި، އެ ފައިސާ އެއް އަހަރުދުވަހުގެ ތެރޭގައި ދައްކަން އަންގާފައިވެއެވެ.
2017 ވަނަ އަހަރުގެ ނޮވެންބަރު 29 ގައި ނަބީލްގެ މައްޗަށް އުފުލި ދައުވާގައި، އޭނާގެ އިތުރުން ހދ. ކުޅުދުއްފުށި ބިޗާން، އާދަމް މުހައްމަދު ވެސް ހިމެނެއެވެ. ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގައި، 2017 ގެ އޮކްޓޫބަރު 31 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މއ. ބްރައިޓްބްލޫގެއަށް ގޮސް، މި ދެމީހުން ހުރި ކޮޓަރި ބަލައި ފާސްކުރިއިރު 20.7422 ގްރާމްގެ ކެނެބިސާއި ކައްޓާއެއް ފެނިފައިވާކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން ނަބީލްގެ ގެއެއްކަމުގައިވާ ގ. ކަމަރާ ބަލައި ފާސްކުރިއިރު 31.3653 ގްރާމްގެ ޑައިމޯފިނާއި 231.3015 ގްރާމްގެ ކެނެބިސް ހުރި ފިލްމު ހުސްކުރި އަށް ދަޅު ފެނިފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ. ފުލުހުން މއ. ބްރައިޓްބްލޫގެއަށް ވަދެފައިވަނީ ކޮޓަރީގެ ދޮރު ނުހުޅުވުމުން ތަޅު ހަލާކުކޮށްލައިގެންކަމަށް ވެސް ދައުވާގައި ފާހަގަކޮށްފައިވެއެވެ.
މި ދައުވާއަށް ނަބީލާއި އާދަމް މުހައްމަދު، ދެމީހުން ވެސް އިންކާރުކޮށްފައިވީނަމަވެސް، މައްސަލަ ބެއްލެވި ފަނޑިޔާރު މުހައްމަދު މިސްބާހު ނިންމެވީ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް މައްސަލަ ސާބިތުވާކަމަށެވެ. އެހެންކަމުން ދެމީހުން ވެސް ކެނެބިސް ޓްރެފިކްކުރުމުގެ ކުށުން ކުށްވެރިވާކަމަށް ކަނޑައަޅައި، އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.
މި މައްސަލައާ ގުޅިގެން ނަބީލާއި އާދަމް މުހައްމަދު ދެ އަހަރަށްވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ، އެ މުއްދަތު ކެނޑުމަށްފަހު ޖަލުގައި އިތުރަށް ހޭދަކުރަންޖެހޭނީ 22 އަހަރާއި 9 މަހާއި 8 ދުވަސްކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ. ހުކުމް އިއްވުމުގެ ކުރިން ދެމީހުން ވެސް ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުމަށާއި ޖޫރިމަނާގެ އަދަދު މަދުކުރުމަށް އެދުނުކަމަށް ވެސް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ