ރާއްޖޭގެ އެންމެ މަތީ ނަތީޖާ ހާސިލުކޮށް ރައީސްގެ ސްކޮލަޝިޕާއި ހައި އެޗީވާސް އެވޯޑު ހާސިލުކުރާ ދަރިވަރުންގެ ބޮޑު ބައެއް ދުނިޔޭގެ ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުގައި ކިޔަވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް އައު ދިރާސާއަކުން ދައްކައިފިއެވެ.
އިންސްޓިޓިއުޓް އޮފް ގްލޯބަލް ސަކްސަސް (އައިޖީއެސް) އިން ކުރި މި ދިރާސާގައި އިނގިރޭސިވިލާތުގެ އޮކްސްފޯޑާއި ކެމްބްރިޖް ޔުނިވާސިޓީގެ އެޑްމިޝަން ޚާއްސަ މާހިރުންގެ އެހީތެރިކަން ހޯދާފައިވެއެވެ. 2022 އާއި 2023 ގައި ސްކޮލަޝިޕް ހޯދި ދަރިވަރުންގެ އިމްތިހާން ނަތީޖާއާއި، އެ ދަރިވަރުން ވަދެވުނު ޔުނިވާސިޓީތަކުގެ ބައިނަލްއަގުވާމީ ރޭންކިންގަށް ބަލައިގެން މި ދިރާސާ ހެދިފައިވަނީ އެލީޓް ޔުނިވާސިޓީތަކުން މިފަދަ ދަރިވަރުންނަށް ލިބެންހުރި ފުރުސަތުތައް ދެނެގަތުމަށެވެ.
މި ދިރާސާއިން ވަނީ ހައިރާންކުރުވަނިވި ނަތީޖާތަކެއް ދައްކާފައެވެ. 2023 ގައި ރައީސްގެ ސްކޮލަޝިޕް ހޯދި 19 ދަރިވަރުންގެ ތެރެއިން ދުނިޔޭގެ ގަދަ 10 ޔުނިވާސިޓީއެއްގައި ވަދެވިފައިވަނީ ހަމައެކަނި އެއް ދަރިވަރެވެ. މި ދަރިވަރަކީ ޕައިލެޓުކަން ކިޔަވަން ނިންމި ދަރިވަރެކެވެ. ގަދަ 50 ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންނަކީ ހަތް ދަރިވަރުންނެވެ. ގަދަ 10 އިން 30 އާ ދެމެދުގެ ޔުނިވާސިޓީތަކުގައި ކިޔަވަނީ ހަތަރު ދަރިވަރުންނެވެ. އެންމެ ކަންބޮޑުވާ ކަމަކީ ހަތަރު ދަރިވަރުން ކިޔަވަމުންދަނީ ގަދަ 100 ގައިވެސް ނުހިމެނޭ ޔުނިވާސިޓީތަކުގައެވެ.
ހައި އެޗީވާސް އެވޯޑު ލިބުނު ދަރިވަރުންގެ ހާލަތު މާ ދެރައެވެ. މިފަދަ 39 ދަރިވަރަކު ކިޔަވަނީ ގަދަ 100 ގައި ނުހިމެނޭ ޔުނިވާސިޓީތަކުގައެވެ. މީގެ ތެރޭގައި ގަދަ 200 ގައިވެސް ނުހިމެނޭ ޔުނިވާސިޓީތަކުގައި ކިޔަވާ 11 ދަރިވަރުން ހިމެނެއެވެ. ބައެއް ދަރިވަރުން ކިޔަވަނީ ބައިނަލްއަގުވާމީ ރޭންކިންގައި ހިމެނޭ ފެންވަރަށްވެސް ނާރާ ތަންތަނުގައި ކަމަށް ދިރާސާއިން ބުނެއެވެ.
ގައުމުތަކަށް ބަލާއިރު، ރައީސްގެ ސްކޮލަޝިޕް ލިބުނު ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ކިޔަވަން ފަށާފައިވަނީ އިނގިރޭސިވިލާތުގައެވެ. ދެވަނައަށް އެންމެ ގިނަ ދަރިވަރުން ދަނީ މެލޭޝިއާއަށެވެ. މި ދެ ގައުމުގައި ދުނިޔޭގެ އެންމެ ރަނގަޅު ޔުނިވާސިޓީތައް ހުރި ނަމަވެސް، ރާއްޖޭގެ ދަރިވަރުންނަށް އެ ތަންތަނަށް ވަނުމަށް ދަތިވެފައިވާ ކަން މި ދިރާސާއިން ފާހަގަކުރެއެވެ.
މި ދިރާސާގެ ނަތީޖާތަކުން ފެންނަނީ ރާއްޖޭގެ އެންމެ ފާހަގަވާ ދަރިވަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރެވޭ ތަޢުލީމީ ފުރުސަތުތައް ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމެވެ. ރަނގަޅު ނަތީޖާ ހާސިލުކުރުމުގެ އިތުރުން، ދުނިޔޭގެ އެންމެ މޮޅު ޔުނިވާސިޓީތަކަށް ވަނުމަށް ބޭނުންވާ އެހެނިހެން ޝަރުޠުތައް ފުރިހަމަކުރުމަށް ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން މި ދިރާސާއިން އުފެދޭ ސުވާލުތަކުން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ