އުމުރު ހަމަނުވާ ކުއްޖަކު އެލްކޭޖީއަށް ބަދަލުކުރަން ހައިކޯޓުގެ ވަގުތީ އަމުރެއް

އުމުރު ހަމަނުވާ ކުއްޖަކު އެލްކޭޖީއަށް ބަދަލުކުރަން ހައިކޯޓުގެ ވަގުތީ އަމުރެއް

Author
ހުސައިން
04 ޖުލައި 2025 10:06
0

އުމުރު ހަމަނުވާކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން މިއަހަރުގެ ދިރާސީ އަހަރަށް އެލްކޭޖީއަށް ނުވެއްދުމަށް ނިންމި ކުއްޖަކު 15 ދުވަހުގެ ތެރޭގައި ނާސަރީން އެލްކޭޖީއަށް ބަދަލުކުރުމަށް ހައިކޯޓުން އިއްޔެ ވަގުތީ އަމުރެއް ނެރެއްފިއެވެ.

ކުއްޖާގެ މަންމަ ޔުދްރާ ހުށަހެޅި މި މައްސަލައިގައި ހައިކޯޓުން ނިންމީ، ފަނޑިޔާރު ދީބާނާޒް ފަހުމީއާއި ފަނޑިޔާރު ފާތިމަތު ފަރްހީޒާއާއި ފަނޑިޔާރު މުޙައްމަދު ނިޔާޒް ހިމެނޭ ބެންޗުން އަގުލަބިއްޔަތުންނެވެ.

މި މައްސަލަ ފެންމަތިވީ އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާއެއްގައި މިދިޔަ އަހަރުގެ ދިރާސީ އަހަރަށް ސްކޫލުތަކަށް ކުދިން ވެއްދުމުގައި އުމުރުފުރާތައް ކަނޑައެޅިއިރު، އެ ކުއްޖާ ޕްލޭ ސްކޫލުން ބޭބީ ނާސަރީއަށް ބަދަލުވުމަށް ކަނޑައަޅާފައިވާ އުމުރު ހަމަނުވާތީ ޕްލޭ ސްކޫލުގައި ރިޕީޓު ކުރަންޖެހޭ ކަމަށް ކެންގަރޫ ކިޑްސްއިން އަންގައިފައިވާތީއެވެ.

މިނިސްޓްރީގެ ނިންމުން މުރާޖާކޮށްދިނުމަށް ކުއްޖާގެ މަންމަ އެދުނުނަމަވެސް، ނިންމުން ބަދަލެއް ނުކުރެވޭނެ ކަމަށް މިނިސްޓްރީން ނިންމުމުން، މި ނިންމުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ތައުލީމުގެ ގާނޫނާއި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ނަމަވެސް ސިވިލް ކޯޓުން ނިންމީ މިނިސްޓްރީގެ ސާކިއުލާ ކުއްޖާގެ މައްޗަށް ތަންފީޒުކުރުމުގައި ތައުލީމުގެ ގާނޫނާ ޚިލާފުވެފައިނުވާ ކަމަށާއި ކުއްޖާގެ މަންމަ އެދުނު ކަންކަން ފުރިހަމަނުކުރެވޭނެ ކަމަށެވެ. މި ނިންމުމާ ގުޅިގެން މިދިޔަ މަހުގެ 17ގައި ކުއްޖާގެ މަންމަ ވަނީ ދަރިފުޅު މިއަހަރު އެލްކޭޖީގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަގުތީ އަމުރަކަށް އެދި ހައިކޯޓަށް ހުށަހަޅާފައެވެ.

ހައިކޯޓުން ފާހަގަކުރި ގޮތުގައި، އެއް ގްރޭޑުން އަނެއް ގްރޭޑަށް ކުދިން ޕްރޮމޯޓު ކުރުމަށް ބަލާ އުމުރުގެ ކަޓް އޮފް ޑޭޓު ކަނޑައަޅާފައިވާ ގޮތުން، އެލްކޭޖީއަށް ބަދަލުވުމުގެ ފުރުސަތު ނުލިބި ނާސަރީގައި ރިޕީޓުކުރުމަކީ ކުއްޖާއަށް ލިބޭ ގެއްލުމެއް ކަމަށާއި، ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރީ ގޯސްތަކެއް ހުރުމުން ކަމަށެވެ.

ކޯޓަށް ހުށަހެޅި ސައިކޮލޮޖިކަލް އެސެސްމަންޓަށް ބަލާއިރު، ކުއްޖާއަކީ މިދިޔަ އަހަރުގެ ދިރާސީ އަހަރު ފެށުނުއިރު ދެ އަހަރާއި ދިހަ މަހުގެ ކުއްޖަކަށް ވިޔަސް، ތިން އަހަރާއި ދެ މަހުގެ ކުއްޖެއްގެ ކިބައިގައި ހުންނަންޖެހޭ ގާބިލުކަން ހުރި ކުއްޖެއް ކަމަށް އެނގެއެވެ. އަދި މިދިޔަ އަހަރު ކިޔެވި އެއްޗެހި އަލުން ކިޔަވަންޖެހުމަކީ އުނގެނުމަށް ކުއްޖާގެ އޮންނަ ޝައުގުވެރިކަމަށް ހުރަސްއެޅޭ ކަމެއް ކަމަށް ކޯޓުން ބެލިއެވެ.

ހައިކޯޓުގެ އަމުރުގައި ބުނެފައިވަނީ، މި މައްސަލަ ކޯޓަށް ހުށަހެޅީ ކުއްޖާގެ ހައްގުތައް ހިމާޔަތްކުރުމަށް އެދިކަމަށް ވުމުން، ކުއްޖާގެ މަންމައަކީ މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދެވޭނެ ފަރާތެއް ކަމަށެވެ. އެހެންކަމުން، ކޯޓުން އެހެން ގޮތަކަށް އަންގަންދެން ނުވަތަ ގޮތެއް ކަނޑައަޅަންދެން، ވަގުތީ އަމުރު ނެރޭތާ ލަސްވެގެން 15 ދުވަހުގެ ތެރޭގައި އެ ކުއްޖާ އެލްކޭޖީއަށް ބަދަލުކޮށްދިނުމަށާއި، ބަދަލުގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ދައުލަތުގެ ކަމާބެހޭ ހުރިހާ އިދާރާއަކަށް އެންގުމަށް އަމުރުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.