މ. މުލީން ފުރައިގެން މާލެއަށް ދަތުރުކުރި ސީއެމްބިއުލާންސެއް ލޯންޗެއްގައިޖެހި 3 މީހަކަށް އެކިވަރުގެ އަނިޔާ ވެފައި ވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާދިސާގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓް ކޮށްފައި ވަނީ މިރޭ 01:00 ހާއިރު ކަމަށެވެ.
އިތާފުށި ރިސޯޓު ކައިރިން ކަނޑުމަތިން އެކްސިޑެންޓުވެ ދެ ލޯންޗުގައި ތިބި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައި ވާކަމަށް އެމްއެންޑިއެފްގެ މީޑިއާ އޮފިސަރ ވިދާޅުވިއެވެ.
މި ހާދިސާ ހިނގި އިރު ސީއެމްބިއުލަންސް ލޯންޗުގައި 8 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެކްސިޑެންޓްވި އަނެއް ލޯންޗުގައި ތިބީ 2 މީހުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި އަނިޔާވީ ސީއެމްބިއުލަންސްގައި ތިބި 2 މީހަކަށާއި އެކްސިޑެޓްވި އަނެއް ލޯންޗްގެ ކެޕްޓަނަށް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ހާދިސާގައި އަނިޔާވި މީހުން މާލެ ގެނައުމަށްޓަކައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދަށް އިތުރު ސީއެމްބިއުލަންސެއް ދަތުރުކުރަމުންދާކަމަށްވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ