ހަލާލް ޓޫރިޒަމަށް 6 ރަށް ހުޅުވާލައިފި؛ 552 އެނދު އިތުރުވާނެ

ހަލާލް ޓޫރިޒަމަށް 6 ރަށް ހުޅުވާލައިފި؛ 552 އެނދު އިތުރުވާނެ

Author
ހުސައިން
03 ޖުލައި 2025 10:08
0

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފުޅާކުރުމުގެ ގޮތުން އިސްލާމިކް ފްރެންޑްލީ ނުވަތަ ހަލާލް ޓޫރިޒަމަށް 6 ރަށެއް ހުޅުވާލައިފިއެވެ. މި ރަށްތަކުން ޓޫރިޒަމް މާކެޓަށް އަލަށް 552 އެނދު އިތުރުވާނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ހުޅުވާލާފައިވަނީ ހއ. ބީނާފުށި، ހއ. ކަނޑާލިފިނޮޅު، ހދ. މަކުނުދޫ ފަރު، ށ. ފުށިފަރު، ތ. މާގުޅި އަދި ލ. ފޮނަގާދޫއެވެ. މީގެ އިތުރުން އައްޑޫ ހަންކެޑެވެސް ހަލާލް ޓޫރިޒަމަށް ނެރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓް ނުވަތަ ރަށް ނެގުމުގެ އަގުތައް ތަފާތުވެއެވެ. އެންމެ ކުޑަ އަގު ކަނޑައަޅާފައިވަނީ ތ. މާގުޅިއަށެވެ. 3.5 ހެކްޓަރުގެ މި ރަށުގެ އަގަކީ 189،000 ޑޮލަރު (2.9 މިލިއަން ރުފިޔާ) އެވެ. އެންމެ ބޮޑު އަގުގައި ހުޅުވާލާފައިވަނީ ހދ. މަކުނުދޫ ފަރެވެ. 200 ހެކްޓަރުގެ މި ފަޅުގެ އަގަކީ 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ) އެވެ.

ހއ. ބީނާފުށި އަދި ހއ. ކަނޑާލިފިނޮޅުގެ އަގަކީ 392،000 ޑޮލަރު (6 މިލިއަން ރުފިޔާ) އެވެ. ށ. ފުށިފަރުގެ އަގު ކަނޑައަޅާފައިވަނީ 234،000 ޑޮލަރު (3.6 މިލިއަން ރުފިޔާ) ގައެވެ. ލ. ފޮނަގާދޫގެ އަގަކީ 588،000 ޑޮލަރު (9.1 މިލިއަން ރުފިޔާ) އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ރަށެއްގައިވެސް މަދުވެގެން 100 އެނދު ތަރައްޤީކުރަން ޖެހޭނެއެވެ. އެންމެ ބޮޑު ފަޅު ކަމަށްވާ މަކުނުދޫ ފަޅުގައި 150 އެނދު މަދުވެގެން ހުންނަން ޖެހޭނެ ކަމަށް ޝަރުޠުތަކުގައި ބަޔާންކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމާއި ތިމާވެށީގެ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ، މި ރަށްތަކުގެ ސަބަބުން ދިވެހި ޓޫރިޒަމްގެ ބްރޭންޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއީ ޓޫރިޒަމް ޑައިވާސިފިކޭޝަން ނުވަތަ ޓޫރިޒަމް ދާއިރާ ފުޅާކުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، ސްޕޯޓްސް އަދި ކަލްޗަރަލް ޓޫރިޒަމް ފަދައިން މިއީވެސް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމެއް ކަމަށެވެ.

އިސްލާމިކް ރިސޯޓުތަކުގައި އާންމު ރިސޯޓުތަކާ ތަފާތު ގިނަ ކަންކަން ހުންނާނެއެވެ. ސްޓާފުންނާއި ޓޫރިސްޓުންނަށް ވަކި މިސްކިތް ގާއިމުކުރެވޭނެއެވެ. ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. ހުރިހާ ކާނާ ތައްޔާރުކުރާ ތަންތަން ހަލާލް ސެޓިފައިޑް ވާންޖެހޭނެއެވެ. އޫރުމަހާއި ރާ ވިއްކައިގެން ނުވާނެއެވެ. ރަމަޟާން މަހު ހާރު ކެއުމާއި ރޯދަ ވީއްލުން ފަދަ ދީނީ އަޅުކަންތަކަށް ޓޫރިސްޓުންނަށް ޚާއްޞަ އިންތިޒާމުތައް ހަމަޖެހޭނެއެވެ. ސްޓާފުންގެ ޑްރެސްކޯޑުވެސް ޝަރީޢަތާ އެއްގޮތަށް ހުންނަންޖެހޭނެއެވެ.

ރަށްތައް ނަގަން ޝައުޤުވެރިވާ ފަރާތްތަކަށް ޖުލައި 15 އިން އޮގަސްޓް 4 އާ ދެމެދު ޝައުޤުވެރިކަން ފާޅުކުރެވޭނެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެންބަރު 1 އެވެ.

ދުނިޔޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހަލާލް ޓްރެވަލާސް ނުވަތަ ހަލާލް ޓޫރިޒަމްގެ މާކެޓުގެ އަގު މިއަހަރު 300 ބިލިއަން ޑޮލަރުގައި ހުރިއިރު، 2035 ވަނަ އަހަރު މި އަދަދު 500 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ އޭޝިއާ، ޔޫރަޕް، ދެކުނު އެމެރިކާ އަދި މެދުއިރުމަތިން ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ މާކެޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.