ބީއެމްއެލް އާއި ޕާލޭ މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ކަނޑުތައް ޕްލާސްޓިކް ކުނިން ސަލާމަތްކުރުމަށް އެއްބަސް ވެއްޖެ

ބީއެމްއެލް އާއި ޕާލޭ މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ކަނޑުތައް ޕްލާސްޓިކް ކުނިން ސަލާމަތްކުރުމަށް އެއްބަސް ވެއްޖެ

Author
ހުސައިން
02 ޖުލައި 2025 04:41
0

ރާއްޖޭގެ ކަނޑުތައް ޕްލާސްޓިކް ކުނިން ރައްކާތެރިކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޕާލޭ މޯލްޑިވްސް ގުޅިގެން އާ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ ބީއެމްއެލްގެ ތިމާވެށި ރައްކާތެރިކުރުމުގެ އީއެންވީ ޕީއޯއެސް މުބާދަރާގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ ކާޑު މެޝިންތަކުން ކުރެވޭ ކޮންމެ މުއާމަލާތަކަށް، ބޭންކުގެ އާމްދަނީން ވަކި އަދަދެއް ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ޚަރަދުކުރުމަށް ނިންމައިފިއެވެ. މިގޮތުން ކަސްޓަމަރުންނާއި ވިޔަފާރިވެރިންގެ އަތުން އިތުރު އެއްވެސް ފީއެއް ނުނެގި، ސީދާ ބޭންކުގެ އާމްދަނީން މި މަސައްކަތްތަކަށް ފައިސާ ޚަރަދުކުރާނެއެވެ.

ޕާލޭގެ "އެވޮއިޑް، އިންޓަރސެޕްޓް، ރީޑިޒައިން" ސްޓްރެޓެޖީގެ ތެރެއިން، ރާއްޖެއިން އެއްކުރެވޭ ޕްލާސްޓިކް ކުނި ޖަރުމަނާއި ޓައިވާން އަދި މެލޭޝިއާ ފަދަ ޤައުމުތަކަށް ރީސައިކަލް ކުރުމަށް ފޮނުވުމުގެ މަސައްކަތުގައި ބީއެމްއެލް އިން އެހީތެރިވެދޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ދިވެހިންގެ ދިރިއުޅުން ކަނޑާ ވަރަށް ބޮޑަށް ގުޅިފައިވާ ނަމަވެސް، ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކާއި ވަސީލަތްތަކަށް ކުރިމަތިވާ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ. މި ބައިވެރިވުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، ބީއެމްއެލްގެ އާ ބޭންކް ކާޑުތައް ރާއްޖެއިން ބޭރުކުރާ ޕްލާސްޓިކުން ތައްޔާރުކުރާ ޕާލޭ އޯޝަން ޕްލާސްޓިކްއިން އުފެއްދުމަށް ވެސް ތައްޔާރުވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހީނާ އަލީ ވިދާޅުވީ، ކަނޑުގެ ވެއްޓަށް އަންނަ ނުރައްކާތެރި ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ކަނޑަށް އެޅޭ ޕްލާސްޓިކް އިންޓަސެޕްޓް ކުރުމުގެ މަސައްކަތް ފުޅާކުރުމަށް ބީއެމްއެލްއާއެކު ބައިވެރިވުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށެވެ. މި ބައިވެރިވުމަކީ ރާއްޖެ ދެމެހެއްޓެނިވި ނެޓް-ޒީރޯ މުސްތަޤުބަލަކާ ދިމާއަށް ގެންދިއުމުގެ ހަރަކާތަށް ބާރު ލިބިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ޔަޤީންކުރައްވާ ކަމަށް ވިދާޅުވިއެވެ.

އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްއިން ހިންގާ ދިގު މުއްދަތުގެ މުބާދަރާއެކެވެ. މި ޕްރޮގްރާމުގެ ދަށުން ކަސްޓަމަރުން ދުވަހުން ދުވަހަށް ކުރާ މުއާމަލާތްތަކުގައި އީއެންވީ ޕީއޯއެސް ޓާމިނަލްތައް ބޭނުންކޮށްގެން، ދެމެހެއްޓެނިވި މުސްތަޤުބަލަކަށް މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރަމުންދެއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ނެޓްވޯކަކާއި، އޭޓީއެމް އަދި ޑިޖިޓަލް ބޭންކިން ހިދުމަތްތަކާއެކު، ބީއެމްއެލް އަކީ ރާއްޖޭގެ މާލީ ނިޒާމުގެ އެންމެ މުހިންމު އިދާރާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.