ރާއްޖޭގައި އިސްލާމިކް ފައިނޭންސް ދާއިރާ ކުރިއެރުވުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މާލީ ދާއިރާގައި މަތީ ތަޢުލީމު ހާސިލުކުރުމަށް 35 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތުތަކަކީ އެމްއެމްއޭގެ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވްގެ ދަށުން ފޯރުކޮށްދޭ ފުރުސަތުތަކެކެވެ.
ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވްއަކީ ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް އެމްއެމްއޭއިން ކުރިއަށްގެންދާ ސްޓްރެޓެޖިކް ޕްރޮގްރާމެކެވެ. ފައިނޭންޝަލް ލިޓްރަސީ، ހޭލުންތެރިކަން އަދި ހުނަރު ތަރައްޤީކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ކުރިއަށްދާ މި ޕްރޮގްރާމުން ދިވެހިރާއްޖެ އިސްލާމިކް ފައިނޭންސްގެ ސަރަހައްދީ މަރުކަޒަކަށް ހެދުމަށް އެހީތެރިވާނެ ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.
މިފަހަރު ހުޅުވާލި ސްކޮލަރޝިޕްތަކަކީ މެލޭޝިއާގެ ދެ މަޝްހޫރު ތަޢުލީމީ މަރުކަޒު ކަމުގައިވާ އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އައިއެންސީއީއައިއެފް) އާއި ޔުނިވަރސިޓީ އިސްލާމް ސެލަންގޯރ (ޔޫއައިއެސް) ގައި ކިޔެވުމަށް ލިބޭ ފުރުސަތުތަކެކެވެ.
އައިއެންސީއީއައިއެފްގައި އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް ޕްރޮގްރާމަށް ފުލީ ފަންޑެޑް 5 ފުރުސަތާއި ޕާޝިއަލް ފަންޑެޑް 5 ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން އެ ޔުނިވަރސިޓީގެ މައިކްރޯ ސެޓްފިކެޓް ފްރޮމް އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް ޕްރޮގްރާމަށް 5 ފުރުސަތު ލިބޭނެއެވެ. ޔުނިވަރސިޓީ އިސްލާމް ސެލަންގޯރުން ސެޓްފިކެޓް އިން ޝަރީޢާ އިކޮނޮމިކްސް ފޯ ބޭންކިންގ އެންޑް ފައިނޭންސް ޕްރޮގްރާމަށް 20 ފުރުސަތު ހުޅުވާލައިފައިވެއެވެ.
ސްކޮލަރޝިޕް ލިބޭ ފަރާތްތައް ހޮވާނީ މެރިޓާއި ފައިނޭންޝަލް ނީޑް އަށް ބަލައިގެން ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. ހޮވުމުގެ މަރުހަލާގައި އިންޓަވިއުވެސް ހިމެނޭނެ ކަމަށް އެ އޮތޯރިޓީއިން ހާމަކުރެއެވެ. ކޮންމެ ދަރިވަރަކަށް ހުށަހެޅޭނީ ފުލްޓައިމް އެއް ޕްރޮގްރާމަށް ކަމަށްވެސް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.
މި ސްކޮލަރޝިޕްތަކުގެ ޝަރުތުތައް އެމްއެމްއޭގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާއިރު، ހުށަހެޅުންތައް ބަލައިގަންނާނީ އެމްއެމްއޭގެ ވެބްސައިޓުގައިވާ ލިންކުތައް މެދުވެރިކޮށެވެ. ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ޖުލައި 17، 2025 ވާ ބުރާސްފަތި ދުވަހުގެ މެންދަމު 11:59 އެވެ.
ކޮމެންޓު ފޮނުވާ