ސޯޝަލް މީޑިއާގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ކޮންޓެންޓް ފެތުރުމާއި އޮންލައިން ސްކޭމްތަކުގެ މައްސަލަތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ކޮމިޓީން ބޭއްވި ބައްދަލުވުން މިއަދު ސިއްރު ކޮށްފިއެވެ.
މި ބައްދަލުވުމަށް ސިފައިންގެ ޚިދުމަތާއި، ކޮމިއުނިކޭޝަންސް އޮތޯރިޓީގެ އިތުރުން ފުލުހުންގެ އިސްވެރިން ހާޒިރުކޮށްގެން ކުރިއަށް ގެންދިޔައީ ދެ މުހިންމު މައްސަލައަކާ ބެހޭގޮތުން މަޝްވަރާކުރުމަށެވެ. އެއީ ސޯޝަލް މީޑިއާގައި އިޖުތިމާއީ އަދަބުތަކާ ޚިލާފަށް ފޮޓޯއާއި ވީޑިއޯ ޝެއަރކުރުމުގެ މައްސަލައާއި، އޮންލައިން ޕްލެޓްފޯމްތަކުގައި ހިންގާ ޕިރަމިޑް ސްކީމް، ޖުވާކުޅުން ފަދަ ގާނޫނާ ޚިލާފު ޙަރަކާތްތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކެވެ.
ކޮމިޓީގައި މެންބަރުން ސުވާލުކުރަން ފެށުމުން، ފުލުހުންގެ ފަރާތުން ހާޒިރުވި އެސިސްޓެންޓް ކޮމިޝަނަރ އަބްދުﷲ ޝަރީފް އެދިވަޑައިގަތީ ބައްދަލުވުން ސިއްރުކޮށްދިނުމަށެވެ. އޭނާ ބުނެފައިވަނީ ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުކުރުމަށް އެކަށީގެންނުވާ ބައެއް މަޢުލޫމާތު ކޮމިޓީގައި ހިއްސާކުރަން ޖެހިދާނެ ކަމަށެވެ.
މި ހުށަހެޅުމާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަޠީފް ކޮމިޓީ ސިއްރުކުރުމަށް ހުށަހަޅުއްވައި، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ތާއީދުކުރެއްވުމުން، އިއްތިފާޤުން އެކަން ފާސްވިއެވެ.
ސޯޝަލް މީޑިއާގެ ބޭނުން ގޯސްކޮށް ހިފާ ފަރާތްތަކުގެ މައްސަލަތަކާއި އޮންލައިން މާޙައުލުގައި ކުރިމަތިވަމުންދާ ސަލާމަތީ ގޮންޖެހުންތަކަކީ ދިވެހި މުޖުތަމަޢުގައި ކަންބޮޑުވުން އުފެދިފައިވާ ކަންކަމެވެ. މިފަދަ މައްސަލަތައް ޙައްލުކުރުމަށް ކަމާބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް މަޖިލީހުގެ ކޮމިޓީތަކުން ބަލަމުންދާއިރު، މިކަމުގައި ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ