ކަނޑުދަތުރުފަތުރުގެ ސިނާއަތުގެ ތިންވަނަ ފޯރަމް ކާމިޔާބުކަމާއެކު ނިމްމާލައިފި

ކަނޑުދަތުރުފަތުރުގެ ސިނާއަތުގެ ތިންވަނަ ފޯރަމް ކާމިޔާބުކަމާއެކު ނިމްމާލައިފި

Author
ހުސައިން
02 ޖުލައި 2025 01:26
0

ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތް ކުރިއެރުވުމަށް ބޭއްވުނު މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް (އެމް.އެމް.އައި.އެފް) 2025 ގެ ތިންވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން ބޭއްވި މި ފޯރަމް ކުރިއަށް ގެންދިޔައީ ޖުލައި 1 ވަނަ ދުވަހު ހޮޓެލް ޖެންގައެވެ.

ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އިންޑިއަން އޯޝަން ޑައިވަރސް އެސޯސިއޭޝަން އިން ރަސްމީކޮށް އެންޑޯސްކޮށްފައިވާ މި ފޯރަމްގައި، ކަނޑުދަތުރުފަތުރުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސަރުކާރުގެ އިސްވެރިންނާއި، ދައުލަތާއި އަމިއްލަ ކުންފުނިތަކުގެ އިސް ފަރާތްތައް ބައިވެރިވިއެވެ.

މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތުގައި ދިމާވެފައިވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އަލަށް ފެންމަތިވަމުން އަންނަ ފުރުސަތުތައް ދެނެގަނެ، ދެމެހެއްޓެނިވި އަދި އީޖާދީ ހައްލުތައް ހޯދުމެވެ. މި މަގުސަދު ހާސިލުކުރުމަށްޓަކައި ފޯރަމްގައި ހަތަރު މުހިންމު ޕެނަލް ބަހުސް ކުރިއަށް ގެންދެވުނެވެ.

ފުރަތަމަ ޕެނަލްގައި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ރައްކާތެރިކޮށް ތަރައްގީކުރުމާއި، ގަވާއިދުތަކާއި ފައިނޭންސް ކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވުނެވެ. ދެވަނަ ޕެނަލްގައި ރާއްޖޭގެ ދަތުރުފަތުރާއި ލޮޖިސްޓިކްސް އަދި ސަޕްލައި ޗެއިންގެ މަސައްކަތްތައް ހަރުދަނާކުރުމާ ބެހޭ މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ.

ތިންވަނަ ޕެނަލްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާއި އުޅަނދުފަހަރުގެ މެދުގައި ގުޅުން ބަދަހިކުރުމުގައި ޓެކްނޮލޮޖީ އަދާކުރާ ދައުރާ މެދު ބަހުސް ކުރެވުނެވެ. ހަތަރުވަނަ ޕެނަލްގައި ވޯޓަރސްޕޯޓްސް އަދި ޑައިވިންގ ދާއިރާ ފުޅާކުރުމާއި، ފަތުރުވެރިކަމުގެ މުހިންމު ބައެއް ކަމަށްވާ މި ދާއިރާގައި ކުރިއެރުން ހޯދޭނެ ގޮތްތަކާއި، ސަލާމަތާއި ދެމެހެއްޓެނިވި ކަންކަމަށް ބާރުއަޅައިގެން ކުރިއަށް ގެންދެވުނެވެ.

މީގެ އިތުރުން ދަތުރުފަތުރުގެ ވުޒާރާއިން ހާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންދިޔައެވެ. މި ވޯކްޝޮޕުގެ ބޭނުމަކީ ގަވާއިދުތައް ހަދާ ފަރާތްތަކާއި ސިނާއަތުގެ ފަންނީ ބޭފުޅުންގެ މެދުގައި ސީދާ ގުޅުމެއް ގާއިމުކޮށް، ވުޒާރާއިން ހިންގާ އޮޕަރޭޝަނަލް ސިޔާސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމެވެ.

ފޯރަމްގައި ބޭއްވުނު ރާފަލް ޑްރޯގައި ނަސީބުވެރި ފަރާތަކަށް، ފޯރަމްގެ ގޯލްޑް ސްޕޮންސަރު އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްއިން ހަދިޔާކުރި ޕްރިމިއާ އެނުއަލް ޓްރެވަލް ކަވާ ލިބުނެވެ.

މި ފޯރަމަށް ލިބުނު ބޮޑު އެއްބާރުލުމާއި، ސިނާއަތުގެ އެކި ފަރާތްތަކުގެ ގުޅިގެން ކުރި މަސައްކަތުން ދައްކުވައިދެނީ، ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތުގެ މުސްތަގުބަލު ބައްޓަން ކުރުމުގައި އެމް.އެމް.އައި.އެފް އަދާކުރާ މުހިންމު ދައުރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.