ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ 89 ޕަސެންޓް މަސައްކަތް ނިމިއްޖެ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ 89 ޕަސެންޓް މަސައްކަތް ނިމިއްޖެ

Author
ހުސައިން
01 ޖުލައި 2025 11:55
0

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުރިހަމަވާނެކަމަށް އުއްމީދު ކުރައްވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، އިންޑިއާގެ ލައިން އޮފް ކްރެޑިޓް ހިލޭ އެހީގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގެ 88.7 ޕަސެންޓް މިހާތަނަށް ފުރިހަމަވެފައިވެއެވެ.

މިނިސްޓަރު ހާމަކުރެއްވި މަޢުލޫމާތުތަކުން ދައްކާގޮތުން އެއާޕޯޓުގެ ރަންވޭގެ މަސައްކަތް މުޅިން ނިމި، ޕެސެންޖަރ ޓާމިނަލްގެ 83 ޕަސެންޓް ފުރިހަމަވެފައިވެއެވެ. މީގެ އިތުރުން އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އެއާކްރާފްޓް މެއިންޓަނަންސް ސަރަޙައްދާއި، ކާގޯ ބިލްޑިންގެ މަސައްކަތުގެ 96 ޕަސެންޓް ނިމިފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރު ފާހަގަކުރާ ޖުލައި 26 ގައި ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުންދާކަމުގެ ވާހަކަތައް ފެތުރެމުންދާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ބައެއް ފަރާތްތަކުން ވާހަކަދައްކައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ސަރުކާރުން ރަސްމީކޮށް އަދި އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މެއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ޖުލައި 31 ގެ ކުރިން އެއާޕޯޓުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

136 މިލިއަން ޑޮލަރު، ނުވަތަ 2 ބިލިއަން ރުފިޔާ ހޭދަވާ މި މަޝްރޫޢަކީ ރާއްޖޭގައި މިވަގުތު ކުރިއަށްދާ އެންމެ ބޮޑު އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެކެކެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުގެ ދަށުން މި މަޝްރޫޢަށް ފައިސާ ހޯދިފައިވެއެވެ.

2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސް (ކުރިން ޖީއެމްސީ) ކުންފުންޏާ ހަވާލުކުރި މި މަޝްރޫޢުގެ ދަށުން 2.7 ކިލޯމީޓަރުގެ އާ ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން މުސާފިރުންނަށް ޚިދުމަތްދެވޭ ޓާމިނަލަކާއި، އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި، ކާގޯ އިމާރާތަކާއި، ފިއުލް ފާމެއް ގާއިމުކުރެވެއެވެ. މި އެއާޕޯޓު ޑިޒައިންކޮށްފައިވަނީ އެންމެ ބޮޑު ވައިގެ ބޯޓުތައް ވެސް ބޭނުންކުރެވޭނެ ފެންވަރަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.