އޮންލައިން ވިޔަފާރީގެ %30 ފީ މައްސަލަ: ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަނެ ބޭރު ކޮށްލައިފި

އޮންލައިން ވިޔަފާރީގެ %30 ފީ މައްސަލަ: ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަނެ ބޭރު ކޮށްލައިފި

Author
ހުސައިން
01 ޖުލައި 2025 11:51
0

ދިވެހި ރައްޔިތުން ބޭރުގެ އޮންލައިން ޝޮޕިންގ ސައިޓުތަކުން މުދާ ގަތުމުގައި ދިމާވެފައިވާ 30 އިންސައްތައިގެ އިތުރު ފީގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށް އިދިކޮޅު ފަރާތުން ހުށަހެޅި ކުއްލި މައްސަލަ، މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި މައްސަލައިގައި ވިދާޅުވީ، ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ފަދަ މަޝްހޫރު އޮންލައިން ޕްލެޓްފޯމްތަކުން ކޮންމެ މުއާމަލާތަކަށް 30 ޕަސެންޓުގެ ފީއެއް ނެގުމަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިފަދަ ފީއެއް ނަގަން ފަށައިފިނަމަ، އޮންލައިން ޝޮޕިންގ ކުރާއިރު ޑޮލަރެއްގެ ރޭޓު 20 ރުފިޔާއަށް އަރައިގަންނާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. މިއީ ޚާއްޞަކޮށް ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނާއި، ބޭރުގައި މަސައްކަތްކުރާ ދިވެހިންނާއި، ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ނުހަނު ބުރައަކަށްވާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މައްސަލައިގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ޑޮލަރު ހޯދުމަށްޓަކައި ރިސޯޓުތަކަށް ޕްރެޝަރު އަޅައި، އެ ތަންތަނުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު ބަދަލުކުރުމަށް މަޖުބޫރުކޮށް، ބަދަލުކުރާ ޑޮލަރުގެ 90 ޕަސެންޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފޮނުވަން ޖެހުމުގެ ސަބަބުން، އާންމު ވިޔަފާރިވެރިންނަށް ޑޮލަރު ހޯދުން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. މިހެން ކުއްލިއަކަށް ނަގާ ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރުގެ ދަތިކަން އިތުރަށް ބޮޑުވާނެ ކަމަށް ވެސް މައުރޫފް އިންޒާރު ދެއްވިއެވެ.

މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި، މި ކުއްލި މައްސަލަ ބަލައިނުގަތުމަށް ޕީއެންސީގެ 29 މެންބަރުން ވޯޓު ދެއްވި އިރު، މައްސަލަ ބަލައިގަތުމަށް ތާއީދުކުރީ އެންމެ 11 މެންބަރުންނެވެ. މައުރޫފް އެދިވަޑައިގަތީ މި މުހިންމު އިޤްތިޞާދީ މައްސަލައާ ބެހޭގޮތުން މަޖިލީހުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.