އައްޑޫގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފެތުރުން އިތުރުވުން: ރައްޔިތުން ސަމާލުވުމަށް އިލްތިމާސް ކޮށްފި

އައްޑޫގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފެތުރުން އިތުރުވުން: ރައްޔިތުން ސަމާލުވުމަށް އިލްތިމާސް ކޮށްފި

Author
ހުސައިން
01 ޖުލައި 2025 11:43
0

އައްޑޫ ސިޓީގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ބަލި ފެތުރުން އިތުރުވަމުންދާތީ، އެ ސިޓީގެ ރައްޔިތުން މި ބަލިތަކުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ދުވަސްތަކުގައި އައްޑޫ ސިޓީގައި މި ދެ ބަލީގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވެއެވެ. މި ހާލަތަށް ރިޢާޔަތްކޮށް، ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ބަލިތަކުން ދުރުހެލިވުމަށް ހޮސްޕިޓަލުން ވަނީ ބާރުއަޅާފައެވެ.

ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހޮސްޕިޓަލުން ލަފާދީފައިވަނީ، ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، ބަލިޖެހިފައިވާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނާއި، ކުޑަކުދިން މިފަދަ ތަންތަނަށް ގެންދިއުމަށް ހޮސްޕިޓަލުން ވަނީ ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން، ރޯގާ ޖެހިފައިވާ މީހުން ކުޑަކުދިން އުރައި ނުހަދައި، އެ ކުދިންނާ ކައިރިނުވުމަށާއި، ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ. ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު ފަރާތްތަކަށް އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށާއި، ރޯގާގެ އަލާމާތްތައް ފެނިއްޖެނަމަ ވަގުތުން ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް ހޮސްޕިޓަލުން ލަފާދީފައިވެއެވެ.

ބަލިވެގެން ހޮސްޕިޓަލަށް ދާންޖެހިއްޖެ ހާލަތެއްގައި، ބަލި މީހާއާއެކު ވީހާވެސް މަދު މީހުން ގެންދިއުމަށާއި، ކޮންމެހެން ދާންޖެހޭ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް އެދިފައިވެއެވެ. ޚާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުން ބަލި މީހުންނަށް ޒިޔާރަތްކުރުމަށް ނުދިއުމަށް ހޮސްޕިޓަލުން ވަނީ އިރުޝާދު ދީފައެވެ.

މި އަހަރު ރާއްޖޭގައި އިންފްލުއެންޒާ ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ. އޭޕްރީލް 20 އިން މެއި 31 އާ ދެމެދު ރިޕޯޓުކުރި އިންފްލުއެންޒާގެ ކޭސްތަކުގެ އަދަދު 364 އަށް އަރާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކުރީ އެންމެ 45 ކޭހެކެވެ. އަދި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކޮވިޑު-19ގެ ކޭސްތައް ވެސް މުޅި ރާއްޖޭގައި އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

އަރިދަފުސް ރޯގާ ޖެހިގެން މި އަހަރުގެ މިހާތަނަށް 156,962 ކޭސް ރިޕޯޓުކޮށްފައިވާއިރު، ޑެންގީގެ 116 ކޭހެއް މެއި މަހު ރިޕޯޓުކޮށްފައިވެއެވެ. ޑެންގީ އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދާއި، ރ. އަތޮޅާއި، ކ. އަތޮޅާއި، އއ. އަތޮޅުންކަން ރިޕޯޓުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.