ބޭންކް އޮފް މޯލްޑިވްސްއިން ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި މަހަކު ހޭދަކުރެވޭ އަދަދު 250 ޑޮލަރުން 500 ޑޮލަރަށް އިތުރުކޮށްފިއެވެ. މާދަމާއިން ފެށިގެން އަމަލުކުރަން ފަށާ މި ބަދަލު ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކަށް ހިނގާނެ ކަމަށް ބޭންކުން ހާމަކުރިއެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު ސަބަބަކީ ޑެބިޓް ކާޑުތަކުން ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި، އަމިއްލަ އެކައުންޓްތަކުން ވިޔަފާރީގެ ބޭނުންތައް ކުރުން ކޮންޓްރޯލް ކުރުން ކަމަށް ބީއެމްއެލުން ފާހަގަކުރިއެވެ.
ބޭންކުން ބުނެފައިވަނީ، ރާއްޖެއިން ބޭރަށް ދަތުރު ނުކުރާ ކަސްޓަމަރުންގެ ކާޑުތައް ބޭރުގައި ގެންގުޅެގެން އޭޓީއެމްތަކުން ފައިސާ ނަގާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ އަދަދު އިތުރުކުރުމާއެކު، ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން މަހަކު ނެގޭނީ އެންމެ ގިނަވެގެން 125 ޑޮލަރު ކަމަށް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ބޭރުގެ އޭޓީއެމުން ފައިސާ ނަގާ ކޮންމެ ފަހަރަކު 10 ޑޮލަރުގެ ޗާޖެއް ނެގޭނެއެވެ.
އޮންލައިންކޮށް ވިޔަފާރީގެ ބޭނުމަށް މުދާ ގަތުމަކީ ޑެބިޓް ކާޑުތަކުން އެންމެ ގިނައިން ކުރާ ކަމެއް ކަމަށް ފާހަގަކޮށް، ބީއެމްއެލުން ވަކި ބައެއް ސައިޓްތަކުން މުދާ ގަތުމުގައި އިތުރު ފީއެއް ނެގުމަށްވެސް ނިންމާފައިވެއެވެ. ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން މުދާ ގަންނައިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނެގޭނެ ކަމަށް ބޭންކުން އިއުލާނުކުރިއެވެ.
ނަމަވެސް ފްލައިޓް ޓިކެޓް ގަތުމާއި، ހޮޓާ ބުކިންގ ހެދުމާއި، ސަބްސްކްރިޕްޝަން ޚިދުމަތްތަކަށް ފައިސާ ދެއްކުން ފަދަ އާންމު ބޭނުންތަކަށް ކުރާ މުޢާމަލާތްތަކަށް އިތުރު ފީއެއް ނުނަގާނެ ކަމަށް ބޭންކުން ޔަޤީންކަން ދީފައިވެއެވެ. ހަމަ އެހެންމެ ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުން ކުރާ މުޢާމަލާތްތަކަށްވެސް މި އިތުރު ފީ ނުހިނގާނެއެވެ.
ބީއެމްއެލުން ވަނީ މިހާރު ނަގަމުންދާ ފީތަކަށް ބަދަލެއް ނުގެނެސް، ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ އަދަދު 500 ޑޮލަރަށް އިތުރުކޮށްދީފައިކަން ހާމަކޮށްފައެވެ. މި ބަދަލުތަކުން ކަސްޓަމަރުންނަށް ރާއްޖެއިން ބޭރުގައި ކާޑު ބޭނުންކުރުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ކޮމެންޓު ފޮނުވާ