ރައްޔިތުންގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަމާއި ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ: ރައީސް

ރައްޔިތުންގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަމާއި ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ: ރައީސް

Author
ހުސައިން
30 ޖޫން 2025 11:15
0

ރައްޔިތުންގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަމާއި ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ޤާނޫނުހަދާ މަޖިލީސްތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު ދަށްވުމަކީ ރާއްޖޭގައިވެސް، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ބޮޑު މައްސަލައެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުގައި ބައިނަލްއަޤްވާމީ ޕާލިމެންޓެރިޒަމް ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ޕޯސްޓުގައި އެ މަނިކުފާނު ވަނީ ޑިމޮކްރަސީ ދެމެހެއްޓުމަށާއި ހެޔޮވެރިކަން ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. މި ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި މެސެޖުގައި، ދެފުށް ފެންނަ ގޮތަށް ކަންކަން ބެލެހެއްޓުމާއި ހަރުދަނާ ސިޔާސަތުތައް އެކަށައެޅުމާއި ފަރުވާތެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީސްތަކާ މަތިކުރެވިފައިވާ ވަރަށް ބޮޑު ޒިންމާއެއްކަން އެ މަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލައްވާފައި ވަނީ، ޤާނޫނުހަދާ މަޖިލީސްތައް ހަރުދަނާ ކުރުމަށް އެކަށައަޅާފައިވާ އުސޫލުތައް ދަމަހައްޓައި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަގުސަދުގައި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރުމުގެ އަޒުމު އައު ކުރެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.