ފުލުހުންނާއި ރައްޔިތުންގެ ދެމެދުގައި ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން "ފުލުހަކާއެކު ކޮފީއެއް" ގެ ނަމުގައި ބާއްވާ ދެވަނަ ޕްރޮގްރާމް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:30 އިން 18:00 އާ ދެމެދު ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ޕާކް ސަރަހައްދުގައެވެ. މިއީ ސިލްސިލާ ޕްރޮގްރާމެއްގެ ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ފުލުހުން ރާވާފައިވާ ހަރަކާތެކެވެ.
ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ފުރަތަމަ "ފުލުހަކާއެކު ކޮފީއެއް" ޕްރޮގްރާމުގައި ރައްޔިތުންގެ ފަރާތުން ރަނގަޅު ބައިވެރިވުމެއް ލިބުނު ކަމަށާއި، ހުޅުވިފައިވާ މާހައުލެއްގައި ފުލުހުންނާއި ރައްޔިތުންގެ މެދުގައި ފައިދާހުރި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ފުލުހުން ފާހަގަކުރެއެވެ.
ރައްޔިތުންގެ އިތުބާރު އިތުރުކޮށް، ފުލުހުންނާއި މުޖުތަމައުގެ ގުޅުން ހަރުދަނާކުރުމަށް މިފަދަ ޕްރޮގްރާމްތަކަކީ ވަރަށް މުހިންމު ވަސީލަތެއް ކަމުގައި ފުލުހުން ދެކޭ ކަމަށް ވިދާޅުވެއެވެ. މުޖުތަމައު ރައްކާތެރިކޮށް ބެލެހެއްޓުމަށް ތަފާތު އޮޕަރޭޝަންތައް ހިންގުމުގެ އިތުރުން، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިފަދަ ބައްދަލުވުންތަކަކީ އެއް ބައެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ