ފަތުރުވެރިކަން ނެތް ނުވަތަ ރިސޯޓުތައް މަދު އަތޮޅުތަކުގައި ރިސޯޓުތައް ތަރައްގީކުރަން ހުޅުވާލާފައިވާކަން ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ވައުދުވެވަޑައިގަންނަވާފައިވާ ގޮތަށް، އަދި މިދިޔަ ފެބްރުއަރީ މަހު ދެއްވި ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައިވާ ގޮތަށް، ކުރިން މާބޮޑު ރިސޯޓް ތަރައްގީއެއް ނެތް އަތޮޅުތަކަށް ފަތުރުވެރިކަމުގެ ފުރުސަތު ހުޅުވާލައްވާ ކަމަށާއި އޭގެ ތެރޭގައި ހއ، ހދ، ށ، ތ، ލ އަދި އައްޑޫ ސިޓީ ހިމެނޭ ކަމަށެވެ.
އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ކުރިއަށްގެންދާނީ އިންވެސްޓަރުންނަށް ލުއިތައް ދީގެން، އިންފްރާސްޓްރަކްޗާ ވެސް ގާއިމުކުރެވޭ ގޮތަށް ކަމަށާއި އެ މަސައްކަތްތައް ފެށުމުން އެ ސަރަހައްދުތަކުގެ އިގުތިސާދީ ހަރަކާތްތައް ވެސް ކުރިއަރައިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ޕަބްލިކް ޓްރާންސްޕޯޓް ތަރައްގީކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން ވެސް ފަތުރުވެރިކަމުގެ ދާއިރާ އިތުރު ހަރުފަތަކަށް ކުރިއަށްދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.
އެ އަތޮޅުތަކުގައި ރިސޯޓުތައް ތަރައްގީކުރުމަށް ހުޅުވާލުމާ ގުޅޭ އިތުރު ތަފްސީލު އަންނަ ހަފުތާގައި ޓޫރިޒަމް މިނިސްޓްރީން ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ