އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާއި ރައީސްގެ މަގާމު އެއްކޮށްލުމަށް އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަނީ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާއި ރައީސްގެ މަގާމު އެއްކޮށްލުމަށް އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަނީ

Author
ހުސައިން
27 ޖޫން 2025 06:41
0

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާއި ޕާޓީ ރައީސްގެ މަގާމު އެއް މަގާމެއްގެ ގޮތުގައި ބަދަލުކުރުމަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާކަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ހާމަކުރައްވައިފިއެވެ.

ސަންގުޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ، މި އިސްލާހަކީ އެމްޑީޕީގެ މުސްތަގްބަލަށް ވަރަށް މުހިންމު ބަދަލަކަށްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޕާޓީގައި ޗެއާޕާސަންއަކާއި ރައީސަކު ވަކިވަކިން ހުރުމުގެ ބޭނުމެއް ނެތްކަމަށާއި، އެއް މަގާމެއް އޮތުމުން ފުދޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޕާޓީގެ ލީޑަރުކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ޕާޓީ ތެރޭގެ ފެކްޝަންތަކާއި އެހެނިހެން މައްސަލަތަކުން އެއްކިބާވެ ތިއްބެވޭ ބޭފުޅަކަށް ވާންޖެހޭކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިގޮތަށް ހަމަޖެހިއްޖެނަމަ ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ޕާޓީގެ ހިންގުން ވަރުގަދަކޮށް، މެންބަރުންނަށް އޭނާގެ ގާބިލުކަން ސާބިތުކޮށްދެވިއްޖެނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ފައްޔާޒް އުންމީދުކުރައްވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފައްޔާޒް ހާމަކުރެއްވި ގޮތުގައި، އެމްޑީޕީގެ ސަރުކާރެއް އުފެދިއްޖެނަމަ، ޕާޓީގެ ޗެއާޕާސަން ނުވަތަ ރައީސަށް ސަރުކާރުގެ އެއްވެސް މަގާމެއް ނުދެވޭނެ ގޮތަށް ގަވާއިދު އިސްލާހުކުރުމަށް ހުށަހަޅާނެއެވެ. މި އިސްލާހުގެ ބޭނުމަކީ ޕާޓީ ލީޑަރޝިޕް ސަރުކާރުގެ މަގާމުތަކުން މިނިވަންކޮށް ބެހެއްޓުމަށް ކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.