މީގެ 5 އަހަރު ކުރިން ކަނޑުމަތީ ހާދިސާއެއްގައި ގެއްލުނު ޒުވާނަކު މަރުވެފައިވާކަމަށް ކަނޑައަޅައި ޣައިބަށް ކަށުނަމާދު ކުރަން މާދަމާ

މީގެ 5 އަހަރު ކުރިން ކަނޑުމަތީ ހާދިސާއެއްގައި ގެއްލުނު ޒުވާނަކު މަރުވެފައިވާކަމަށް ކަނޑައަޅައި ޣައިބަށް ކަށުނަމާދު ކުރަން މާދަމާ

Author
ހުސައިން
27 ޖޫން 2025 12:22
0

ބ. އަތޮޅުގެ އަނގަފަރު ފަޅު ކައިރީގައި ޑިންގީއަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއްގައި ގެއްލިފައިވާ އޭދަފުށީ މުސްތަރީގެ، ނަސްރުﷲ އަބްދުﷲގެ މައްޗަށް މާދަމާ ހުކުރު ނަމާދަށްފަހު ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމައިފިއެވެ.

މިދިޔަ އޭޕްރީލް މަހު ކޯޓުން ނަސްރުﷲގެ މަރު ސާބިތުކޮށް ނިންމުމާ ގުޅިގެން، އިސްލާމިކް މިނިސްޓްރީއާ މަޝްވަރާކުރުމަށްފަހު މި ނިންމުން ނިންމާފައިވާކަމަށް އޭދަފުށީ ކައުންސިލުން މިއަދު ބުނެފައިވެއެވެ. ނަސްރުﷲގެ އާއިލާގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާގެ މަރު ސާބިތުކުރުމަށް އެދިފައިވާކަމަށް ކައުންސިލުން ބުންޏެވެ.

2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ހަފްތާގައި ހިނގި މި ހާދިސާގައި ނަސްރުﷲގެ އިތުރުން ޑިންގީގައި ތިބި އޭނާގެ އަންހެނުންގެ ދެ ބޭބެ މުހައްމަދު ނަޒީފާއި އަބްދުއް ސަމީއަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. ލޯންޗު ދުއްވި އޭދަފުށީ ޝަބްނަމްގެ މުހައްމަދު މުސްތަފާއަށާއި ލޯންޗުގައި ތިބި ބަންގްލަދޭޝްގެ މީހަކަށް ވެސް އަނިޔާވެފައިވެއެވެ.

ސިފައިން ނަސްރުﷲ ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ހިންގައި، ޑިންގީ ހޯދި ނަމަވެސް އޭނާގެ ހަބަރެއް ލިބިފައެއް ނުވެއެވެ. މިހާރު މި ހާދިސާ ހިނގިތާ ފަސް އަހަރު ވެފައިވާއިރު، ކޯޓުން އޭނާގެ މަރު ސާބިތުކޮށް ނިންމުމާއެކު ޣައިބަށް ކަށުނަމާދު ކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވެއެވެ.

ގެއްލޭ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ގޮތުގައި، މިފަދަ ހާލަތުގައި ގެއްލުނު މީހާގެ މަރާމެދު ގޮތެއް ކަނޑައެޅުމަށް ގާޒީއަށް ހުށަހަޅަންޖެހެއެވެ. ކަން ހިނގައިދިޔަ ގޮތް ބަލައި، ގާޒީ އެ މީހާ މަރުވެއްޖެކަމަށް ކަނޑައަޅައިފިނަމަ، އޭނާގެ މައްޗަށް ކަށުނަމާދު ކުރުމަކީ ހުއްދަ ކަމެކެވެ.

މަރަކީ ޝަރުއީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށްވާތީ، ވާރުތަކަމާއި، އިންދާ ކައިވެނި ކުރުމާއި، މުދާ ބެހުން ފަދަ ކަންކަމަށް އަސަރުކުރާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ގެއްލުނު މީހަކީ އަންބަކު ހުރި މީހެއްނަމަ، ގާޒީގެ ހުކުމަށްފަހު އެ ކަނބުލޭގެ އިއްދަ ހަމަކޮށް އެހެން މީހަކާ އިނުން ހުއްދަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބައެއް އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ގެއްލިފައިވާ މީހާމެދު ހުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުންނެވެ. ނަމަވެސް ކަނޑަށް ވެއްޓި ގެއްލިފައިވާ މީހާ މަރުވެފައިވާކަމަށް ބޮޑަށް ބުރަވެވޭނަމަ، ހަތަރު އަހަރު ނުވިޔަސް ގާޒީއަށް ގޮތެއް ކަނޑައެޅިދާނެކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.