ވީއައިއޭގެ އާ ޓާމިނަލްގެ ހުރިހާ ޚިދުމަތެއްވެސް ހުންނާނީ ބައިނަލްއަގުވާމީ މިންގަޑަށް: އެމްއޭސީއެލް

ވީއައިއޭގެ އާ ޓާމިނަލްގެ ހުރިހާ ޚިދުމަތެއްވެސް ހުންނާނީ ބައިނަލްއަގުވާމީ މިންގަޑަށް: އެމްއޭސީއެލް

Author
ހުސައިން
26 ޖޫން 2025 07:47
0

މިނިވަން ދުވަހާ ދިމާކޮށް ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. މި އަހަރުގެ ޖުލައި 26 ގައި ހުޅުވުމަށް ހަމަޖެހިފައިވާ މި ޓާމިނަލަކީ ސަލާމަތީ މިންގަނޑުތައް ވަރަށް ވަރުގަދަ ތަނަކަށްވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްއޭސީއެލްގެ ސީނިއާ ޖެނެރަލް މެނޭޖަރު ފާތިމަތު ޝާހިދާ މިއަދު ހިއްސާކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އައު ޓާމިނަލަށް ވަދެވޭނީ ސަލާމަތީ މިންގަނޑުތައް ގިރާކުރުމަށްފަހު ކަމަށެވެ. ތަފާތު އައު ޓެކްނޮލޮޖީތަކާ އެކު ހުޅުވާ މި ޓާމިނަލްގައި ދިވެހިވަންތަ ސިފަތައް ފެންނާނެ ގޮތަށް ފަރުމާކޮށްފައިވާ ކަމަށާއި، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ހިނގާލައި ވަގުތު ހޭދަކޮށްލެވޭނެ ޖާގަތައް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ އެންމެ ސަލާމަތާއި ރައްކާތެރިކަމާ އެއްކޮށް އެ ތަނުގެ ޚިދުމަތް ދެވޭތޯ ބެލުން. މިއީ އަޅުގަނޑުމެން ފަޚުރުވެރިވާ، ދިވެހި ރައްޔިތުން ހިތްހަމަޖެހޭ އެއާޕޯޓެއް ކަމުގައި އަޅުގަނޑުމެން ހަދަން ބޭނުންވޭ" ޝާހިދާ ވިދާޅުވިއެވެ.

އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއާޕޯޓް ޓްރާންސްފާ ޑިޕާޓްމަންޓު (އޮރާޓު) އިން އައު ޓާމިނަލް ހުޅުވުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ވަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ޑިޕާޓްމަންޓުގެ ޒިންމާއަކީ އެއާޕޯޓް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތައްޔާރުކޮށްފައިވޭތޯ ކަށަވަރުކުރުމެވެ. އައު އިކުއިޕްމަންޓުތައް ގެންގުޅުމާއި ޚިދުމަތް ދިނުމަށް މުވައްޒަފުން އަހުލުވެރިވެފައި ހުރި މިންވަރު ބެލުމުގެ މަސައްކަތްތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

އޮރާޓުގެ މަސައްކަތުގެ ސަބަބުން އައު ޓާމިނަލް ހުޅުވުމުގެ ކުރިން އޮޅުންބޮޅުންތަކާއި ކޭއޯސްތަކުން ފަސިންޖަރުންނާއި މުވައްޒަފުން ސަލާމަތް ކުރެވޭނެ ކަމަށާއި، ޚިދުމަތުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. އަދި އެއާލައިންތަކާއި ފަސިންޖަރުންގެ އިތުރުން ސްޓޭކްހޯލްޑަރުންގެ ހިތްހަމަޖެހުން ވެސް ކަށަވަރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

72،000 އަކަ މީޓަރު ބޮޑު މި ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް 47 ޗެކިން ކައުންޓަރާއި، ސެލްފް ސާވިސްގެ ހަ ކިއޮސްކާއި، ސީޕްލޭން ފަސިންޖަރުންނަށް ޚާއްސަ 24 ކައުންޓަރެއް ހިމެނެއެވެ.

ސައުދީގެ ބިން ލާދިން ގްރޫޕާ 5.3 ބިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔޫއޭއީ ސަރުކާރު މެދުވެރިކޮށް 1.2 ބިލިއަން ރުފިޔާ ހޯއްދަވައިފައިވެއެވެ. މިއީ މިހާރުގެ ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ.

އެމްއޭސީއެލްގައި ހަ ހާހަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކަމަށާއި، ވީއައިއޭގެ އައު ޓާމިނަލަކީ ދިވެހި ރައްޔިތުން ފަޚުރުވެރިވާ ޚިދުމަތްތަކެއް ދޭ ތަނަކަށް ހަދަން ބޭނުންވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.