ލަންކާ ރައީސް ޑިސަނަޔަކެ އަންނަ މަހު ރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވަނީ

ލަންކާ ރައީސް ޑިސަނަޔަކެ އަންނަ މަހު ރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވަނީ

Author
ހުސައިން
26 ޖޫން 2025 12:30
0

ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ އަންނަ މަހުގެ 29 ވަނަ ދުވަހު ރާއްޖެއަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ލަންކާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުވެ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރައްވާ ދަތުރުފުޅެކެވެ.

މިއީ ޑިސަނަޔަކެ ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދިޔަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އޭނާ ބޭރު ގައުމަކަށް ކުރައްވާ ހަ ވަނަ ދަތުރުފުޅު ވެސް މެ އެވެ. މީގެ ކުރިން އޭނާ ވަނީ އިންޑިއާ، ޗައިނާ، ޔޫއޭއީ، ވިއެޓްނާމް އަދި ޖަރުމަނީއަށް ރަސްމީ ދަތުރުފުޅުތައް ކުރައްވާފަ އެވެ.

ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމާ ބެހޭ ގޮތުން ރަސްމީ މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް ދިވެހި ސަރުކާރުން މި ދަތުރުފުޅާ ގުޅޭ ގޮތުން މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެ އެވެ.

ރާއްޖެ އާއި ލަންކާ އާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވިފައި ވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު އެވެ. ދެ ގައުމުގެ ދެމެދު އިގްތިސާދީ، ސަގާފީ އަދި އިޖުތިމާއީ ދާއިރާތަކުން ގާތް ގުޅުމެއް ދެމެހެއްޓެވެ އެވެ.

މީގެ އިތުރުން، މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް، އެ ދަތުރުފުޅާ ބެހޭ ގޮތުން ވެސް ރަސްމީ މައުލޫމާތެއް ހާމަކުރެވިފައެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.