ދިވެހި ޤައުމުގެ ސަލާމަތާއި ބާއްޖަވެރިކަން ދެމެހެއްޓުމުގެ ސިއްރަކީ އިސްލާމް ދީނުގެ އަސްލުތަކަށް ތަބާވުން: ރައީސް

ދިވެހި ޤައުމުގެ ސަލާމަތާއި ބާއްޖަވެރިކަން ދެމެހެއްޓުމުގެ ސިއްރަކީ އިސްލާމް ދީނުގެ އަސްލުތަކަށް ތަބާވުން: ރައީސް

Author
ހުސައިން
25 ޖޫން 2025 08:36
0

ދިވެހި ޤައުމުގެ ސަލާމަތާއި ބާއްޖަވެރިކަން ދެމެހެއްޓުމުގެ ސިއްރަކީ އިސްލާމް ދީނުގެ އަސްލުތަކަށް ތަބާވުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހިޖުރީ އައު އަހަރު 1447 ގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބެއްގައެވެ.

މިއަދު ފޮނުއްވި ހިތާބުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު މިއީ އިސްލާމީ އުންމަތަށް ވަރަށް ނާޒުކު ދުވަސްވަރެކެވެ. އެހެންކަމުން ކެތްތެރިކަމާއެކު މާތް ﷲ ގެ ޙަޟްރަތުން ވާގިއެދި، މުސްލިމުންގެ އެއްބައިވަންތަކަމާއި ހަމަޖެހުން ދެމެހެއްޓުމަށް ދުއާކުރުން އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މެދުއިރުމަތީގެ ބައެއް އިސްލާމީ ޤައުމުތަކުގައި ހަނގުރާމައިގެ ދަތި ހާލަތްތަކާ ކުރިމަތިލާންޖެހިފައިވާ މި ދުވަސްވަރު، ދިވެހި ރައްޔިތުންގެ އިހުލާސްތެރި ދުއާތައް މުސްލިމް އަހުންނާއި އުހުތުންނާ އެކުގައި ވާކަން ރައީސް ހާމަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، "ފަލަޞްޠީނުގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ލިބުމަށް އަޅުގަނޑުމެން ދުއާކުރާހިނދު، އެ ސަރަޙައްދުގެ އެންމެހާ މުސްލިމް ޤައުމުތަކަށް ސުލްޙަވެރިކަމާއި ހިމާޔަތް މިންވަރުކޮށްދެއްވުމަށް މާތް ﷲ ގެ ޙަޟްރަތުގައި އެދި ދަންނަވަމެވެ."

ހިޖުރައިގެ ތާރީޚީ ހާދިސާއިން މުސްލިމުންނަށް ގިނަގުނަ ޢިބުރަތްތައް ލިބިގެންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިޖުރައިގެ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގެންނެވި ގޮތުން ފެންނަނީ ކާމިޔާބު ހާސިލުކުރުމުގައި ހިފަހައްޓަންޖެހޭ މުހިންމު އުޞޫލުތަކެއް ކަމަށެވެ.

އެގޮތުން ހިޖުރައިގެ ދަތުރުފުޅަށް ދުރާލާ ރޭވުންތެރިކަމާއެކު ތައްޔާރުވެވަޑައިގެންނެވުމުން ދޭހަވަނީ، ކޮންމެ ކަމެއްގައިވެސް ބުއްދިވެރިކަމާއެކު ޕްލޭންކޮށް، ރަނގަޅަށް ތައްޔާރުވުމުގެ މުހިންމުކަން ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ފަރުދީ ފެންވަރުގައި ވިޔަސް، ޤައުމީ ފެންވަރުގައި ވިޔަސް، އަދި އުންމަތުގެ ފެންވަރުގައި ވިޔަސް ބޭނުންކުރެވޭނެ އުޞޫލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި މުޖުތަމަޢު ކުރިމަތިލާ ކޮންމެ ގޮންޖެހުމަކުން އަރައިގަތުމާއި، ރައްޔިތުން އެދޭ ފާގަތިކަމާއި ކުރިއެރުން ހޯދުމަށް ހުރި އެންމެ ރަނގަޅު މަގަކީ އިސްލާމީ އުޞޫލުތަކުގައި ސާބިތުވެ ދެމިތިބުން ކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.