ނުގަވާއިދުން އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި 4 ބިދޭސީން ހައްޔަރު ކޮށްފި

ނުގަވާއިދުން އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި 4 ބިދޭސީން ހައްޔަރު ކޮށްފި

Author
ހުސައިން
25 ޖޫން 2025 12:03
0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތުގެ ބައެއްގެ ގޮތުން، ކަމާ ގުޅުންހުރި އިދާރާތަކުން ގުޅިގެން އެކުލަވައިލާފައިވާ ޓާސްކްފޯސްއިން އިއްޔެ ހުޅުމާލޭގައި ހިންގާ 5 ކެފޭ އަދި ޓޭކްއަވޭ ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ 4 ބިދޭސީން އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެއެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ސަރަހައްދެއް ބަލައި ފާސްކޮށް، 25 ބިދޭސީން ހައްޔަރުކޮށްފައިވެއެވެ. އެގޮތުން ހެންވޭރުގައި ހުންނަ ގެއަކުން 7 ބިދޭސީން އަދި މާފަންނު ހަވީރީ ގޯޅީގައި ބިދޭސީން ދިރިއުޅެމުން ދިޔަ ތަނަކުން 18 ބިދޭސީން ހައްޔަރުކޮށްފައިވަނީ ސައްޙަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުން ދިޔުމުގެ ސަބަބުންނެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 102 ބިދޭސީން ޗެކް ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، މި އޮޕަރޭޝަންތައް ހިންގަނީ ރާއްޖޭގައި ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށާއި، އާންމު ސިއްޙަތަށް ނުރައްކާވާ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި މިފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މި އޮޕަރޭޝަންތަކުގެ ތެރޭގައި ބިދޭސީން ދިރިއުޅޭ ތަންތަނާއި، އާންމުންގެ ސަލާމަތަށް ނުރައްކާ ވެދާނެ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމުގެ އިތުރުން، ސައްޙަ ވިސާއެއް ނެތި ވިޔަފާރި ކުރަމުން ދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދެއެވެ.

ސަރުކާރުން މި އޮޕަރޭޝަންތައް ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށްފައިވާއިރު، ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް، ބިދޭސީންގެ މައްސަލަތަކަށް 3 އަހަރު ތެރޭގައި ޖުމްލަ ހައްލެއް ގެނައުމަކީ ސަރުކާރުގެ ދިގު މުއްދަތުގެ އަމާޒެއް ކަމަށް ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.