ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ތަޢާރަފުކުރި "ހިޔާވެހި ފައިނޭންސިން" ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހައުސިން މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ހިޔާވެހި ސްކީމަށް ފޯމު ހުށަހަޅާފައިވާ 2000 އަށް ވުރެ ގިނަ ފަރާތްތަކުގެ އަސާސީ ޝަރުތުތައް ހަމަވޭތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ. މި މަސައްކަތް ނިމުމުން، ފޯމުތައް އިވެލުއޭޓްކޮށް ލޯނުގެ ކަންކަން ހަމަޖެއްސުމަށް ބީއެމްއެލަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޖުލައި މަހު ބޭންކުތަކުން ފޯމުތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މި ސްކީމްގެ ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލާފައި، 2026 ވަނަ އަހަރުގެ ކުރީކޮޅުގައި ދެވަނަ ބުރަކަށް ހުޅުވާލުމަށް ސަރުކާރުން ވިސްނާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ފޯމު ހުށަހަޅާފައި ތިބި ހުރިހާ ފަރާތްތަކުގެ ޝަރުތު ހަމަވެއްޖެ ނަމަ، މި ބުރުގައި 4-5 ބިލިއަން ރުފިޔާގެ ލޯނު ދޫކުރަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ހިޔާވެހި ސްކީމްގެ ލޯނުތައް ދޫކުރާނީ އިސްލާމިކް ފައިނޭންސިންގެ އުސޫލުތަކުގެ ދަށުން، ރާއްޖޭގައި ލޯނު ދޫކުރާ އެންމެ ކުޑަ ރޭޓުގައި ކަމަށެވެ. ލޯނު އެޕްލިކޭޝަންތައް ބޭންކަށް ލިބުމުން ދެ ހަފުތާގެ ތެރޭގައި އިވެލުއޭޝަން ނިންމައި މިނިސްޓްރީއަށް ފޮނުވާނެ ކަމަށާއި، ޖުލައި މަހުގެ ތެރޭގައި ލޯނު ދޫކުރެވޭނެ ކަމުގެ އުންމީދު ކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ހިޔާވެހި ލޯން ސްކީމްގެ ދަށުން ތިން ބާވަތެއްގެ ލޯން ދޫކުރެވޭނެއެވެ. އެއީ ހިޔާވެހި ރަށްވެހި، ހިޔާވެހި ސަހަރު އަދި ހިޔާވެހި ފުރަމާލެ އެވެ.
ހިޔާވެހި ރަށްވެހި ލޯނަކީ އަތޮޅު ތެރޭގެ ރަށްރަށުގައި ގެ ހެދުމަށް އެޗްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނެކެވެ. ހިޔާވެހި ސަހަރު ލޯނަކީ އާބަން ސެންޓަރުތަކުގައި ގެދޮރު އަޅަން ދޫކުރާ ލޯނެކެވެ. ހިޔާވެހި ފުރަމާލެ ލޯނަކީ މާލޭ ސަރަހައްދުގައި ގެދޮރު ހަދަން ދޫކުރާ ލޯނެކެވެ. ގްރޭޓަރ މާލެ ސަރަޙައްދުގައި 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. 600 އަކަފޫޓަށް ވުރެ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން ވެސް ލޯނު ދޫކުރެވޭނެއެވެ.
ހުރިހާ ލޯނެއް ވެސް ދޫކުރާނީ 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި، 25 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ. އަލަށް ގެއެއް އިމާރާތްކުރާ މީހުންނަށް ނޫނަސް، ގެއެއް އިމާރާތްކުރަން ފަށައި ނުނިމި ހުރި ނަމަ، އެ މަސައްކަތް ނިންމަން ވެސް ލޯނު ލިބޭނެއެވެ.
އަތޮޅު ތެރޭގެ ރަށްތަކުގައި ގެދޮރު އެޅުމަށް ދޫކުރާ އެއް މިލިއަން ރުފިޔާގެ ލޯނުތައް ދޫކުރާނީ ހައުސިން ފައިނޭންސިން ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށެވެ. އާބަން ސެންޓަރުތަކަށާއި މާލެއަށް ދޫކުރާ ލޯނުތައް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) މެދުވެރިކޮށެވެ.
ކޮމެންޓު ފޮނުވާ