ކ. މާފުށީ ޖަލަށް ވަގަށް ފޯނާއި މަސްތުވާތަކެތި ވައްދައިގެން 73 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ޖަލު އޮފިސަރުންގެ މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ނިންމެވީ، އަޑުއެހުންތައް ސިއްރުކުރަންޖެހޭ ފަދަ ހާލަތެއް މި މައްސަލައިގައި ނެތް ކަމަށެވެ. ދިފާއުގެ ފަރާތުން އަޑުއެހުންތައް ސިއްރުކޮށްދިނުމަށް އެދި ހުށަހަޅާފައިވީ ނަމަވެސް، ކޯޓުން އެ ހުށަހެޅުން ބަލައިގެންފައެއް ނުވެއެވެ.
ދިފާއުގެ ފަރާތުން އަޑުއެހުންތައް ސިއްރުކުރުމަށް އެދުނީ، މި މައްސަލައިގެ ބާވަތުން މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމަށާއި، މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމުން އިންސާފު ގާއިމުކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެއެވެ. އެހެންނަމަވެސް ގާޒީ ވިދާޅުވީ، މި ސަބަބުތަކަކީ އަޑުއެހުންތައް ސިއްރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ނޫން ކަމަށެވެ.
މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ފަސް މީހެއްގެ މައްޗަށެވެ. އެއީ ރ. އުނގޫފާރު، އައިވަރީ ހައުސްގެ ޖިނާޙް އަބްދުއްރަހީމް، ކ. މާފުށި، ބީޗްހައުސްގެ އަލީ ހިޝާމް، ހދ. ނޭކުރެންދޫ، ތަރާނާގެ އަލީ ނާޒިމް، ގއ. ވިލިނގިލި، ކުއްޅަވައްގެ މުހައްމަދު ފަތޫހު ފަތުހުﷲ އަދި ނ. ލަންދޫ، ކާމިނީގެ އަލީ އަސްފާގެވެ.
ކްރިމިނަލް ކޯޓަށް މި މައްސަލަ ހުށަހެޅިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ. މި މައްސަލާގައި ކަރެކްޝަންސްގެ 18 އަށްވުރެ ގިނަ އޮފިސަރުން ހައްޔަރުކުރި ނަމަވެސް، މިހާތަނަށް ދައުވާކޮށްފައިވަނީ ފަސް މީހެއްގެ މައްޗަށް އެކަނިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ މިވަގުތު ލިބިފައެއް ނުވެއެވެ. އަދި މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ، ތަހުގީގު ނިމުމުން އިތުރު މީހުންގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ